އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި އިސްރާއީލް ކޮލިފައިވެ ބައިވެރިވެއްޖެނަމަ، ސްޕެއިން އެ މުބާރާތުން ވަކިވެދާނެކަމަށް އެ ގައުމުގެ އިސް ފަރާތްތަކުން ބުނެފިއެވެ.
ސްޕެއިންގެ ނޫސް މާކާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ސްޕެއިންގެ ޕާލިމެންޓުގައި ސޯޝަލިސްޓް ޕާޓީގެ ސްޕޯކްސްޕާސަން ޕަޓްޝި ލޯޕެޒް ވިދާޅުވެފައިވަނީ ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ދެކޮޅު ޢަމަލުތަކާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން ވޯލްޑް ކަޕުން ވަކިވުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި ޣައްޒާގައި ކޮންމެ ދުވަހަކު ހިނގަމުންދާ މަރުގެ މަންޒަރުތަކާއި ލާއިންސާނީ އަނިޔާވެރި މަންޒަރުތައް ސްޕެއިންގެ ގިނަ ރައްޔިތުންނަށް ބަލައިނުގަނެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ލޯޕެޒް އިތުރަށް ވިދާޅުވެފައިވަނީ ކުޑަކުދިން މަރުވަމުންދާ މަންޒަރުތަކާއި، ކާބޯތަކެތި ހޯދަން އުޅޭ މީހުން އަމާޒުކޮށް ހަމަލާދޭ މަންޒަރުތަކާއި، ޔަހޫދީ މުއްސަނދިންގެ މަސްލަހަތަށްޓަކައި ފަލަސްތީނުގެ ސިޓީތައް ހަލާކުކުރާ މަންޒަރުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި ސްޕެއިންގެ ރައްޔިތުން މިކަމުގައި ބައިވެރިވާން ބޭނުން ނުވާ ކަމަށާއި، ޚާއްސަކޮށް ނެތަންޔާހޫގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ފަންޑުކުރާ އިސްރާއީލީ ޓީމުތައް އެ ގައުމުގެ މަގުތަކުގައި އުޅޭއިރު، މީހުން މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް ވަނީ އިސްރާއީލް ބައިނަލްއަގުވާމީ ކުޅިވަރުތަކުގައި ބައިވެރިނުކުރުމަށް ގޮވާލައްވާފައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ "އިސްރާއީލަށް އެއްވެސް ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި އެ ގައުމުގެ މޫނުމަތި ސާފުކުރުމަށް ބޭނުންކުރުމުގެ ފުރުސަތު ދީގެން ނުވާނެ" ކަމަށެވެ.
މިވަގުތު އިސްރާއީލްގެ ޓީމް ވަނީ އެ ޓީމުގެ ގްރޫޕްގައި 5 މެޗުން 9 ޕޮއިންޓާއެކު 3 ވަނައިގައެވެ. އަދި އޮކްޓޯބަރު މަހު ނޯވޭ އަދި އިޓަލީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުތަކުގައި ކާމިޔާބު ހޯދައިފިނަމަ، ޕްލޭ އޯފް ސްޕޮޓެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. ޔަހޫދީން އަދި ކޮލިފައިވެފައި ނުވި ނަމަވެސް، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިޒްރޭލަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ.
މި ހަފްތާގެ ކުރީކޮޅު ސަންޗެޒް ވިދާޅުވެފައިވަނީ، 2022 ވަނަ އަހަރު ޔުކްރެއިންއަށް ހަމަލާދިނުމާ ގުޅިގެން ފީފާ އަދި ޔުއެފާއިން ރަޝިއާ އިންޓަނޭޝަނަލް މުބާރާތްތަކުން ވަކިކުރި ފަދައިން އިޒްރޭލާމެދުވެސް އަމަލުކުރަންވާނެ ކަމަށެވެ.
ލަމިން ޔަމަލް އަދި ރޮޑްރީ ފަދަ ވޯލްޑް ކްލާސް ކުޅުންތެރިން ހިމެނޭ ސްޕެއިންގެ ޓީމް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ މަގުމަތީގައިވާއިރު، ސަންޗެޒް، ލޯޕެޒް އަދި އަލެގްރިއާގެ ބަސްތަކަށް ފީފާ އަދި ޔުއެފާއިން އަދި އެއްވެސް އިޖާބައެއް ދީފައެއް ނުވެއެވެ.
އދ. ގެ ތަހުގީގު ކޮމިޝަނުން އަންގާރަ ދުވަހު ބުނެފައިވަނީ، ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން މާނަކުރެވިފައިވާ ނަސްލު ފޮހެލުމުގެ ފަސް އަމަލުގެ ތެރެއިން ހަތަރު އަމަލު އިޒްރޭލުން ޣައްޒާގައި ހިންގާފައިވާކަން ޔަގީންކުރެވޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!