އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރި ދަތުރުގައި ވަރަށް އާދަޔާޚިލާފު މަގެއް ބޭނުންކުރައްވާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
''ސީއެންއެން'' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަތަންޔާހޫ މިގޮތަށް ކަންތައްކުރީ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން އޭނާގެ މައްޗަށް ނެރެފައިވާ ހައްޔަރުކުރުމުގެ އަމުރު ބައެއް ގައުމުތަކުން ތަންފީޒުކޮށްފާނެކަމަށް ބިރުންނެވެ.
ނަތަންޔާހޫގެ މި ދަތުރާއި ގުޅޭގޮތުން ''ސީއެންއެން'' އިން ޝާޢިއުކޮށްފައިވާ ރިޕޯޓުގައި ބުނީ، ނަތަންޔާހޫ ތެލް އަވީވްއިން ފުރާފައި ވަނީ ބުދަ ދުވަހުގެ ހަވީރު، އ.ދ. ގެ އާންމު މަޖިލީހުގައި ވާހަކަ ދެއްކުމަށާއި، އިސްރާއީލްގެ ބޮޑު މަދަދުގާރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ބައްދަލުކުރުމަށެވެ.
ފްލައިޓް ޓްރެކިންގ ވެބްސައިޓުތަކުން ދައްކާ ގޮތުގައި، އާންމުކޮށް ޔޫރަޕްގެ އެތައް ގައުމެއްގެ މަތިން ދަތުރުކުރާ މިފަދަ ދަތުރުތަކާއި ޚިލާފަށް، އޭނާ އިން މަތިންދާބޯޓު ދަތުރުކޮށްފައިވަނީ މެޑިޓެރޭނިއަން ކަނޑުގެ މައްޗާއި ޖިބްރޯލްޓާގެ ކަނޑުއޮޅީގެ މަތިންނެވެ.
ފްލައިޓް ރާޑަރު24 އިން ދައްކާ ގޮތުގައި، މަތިންދާބޯޓު ވަގުތު ކޮޅަކަށް ގްރީސް އާއި އިޓަލީގެ މަތިން ދަތުރުކޮށްފައިވާއިރު، ފްރާންސް އަދި ސްޕެއިންގެ ވައިގެ ސަރަހައްދުން އެއްކިބާވެފައިވާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ދަތުރުގެ މުއްދަތު ވަނީ އިތުރުވެފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން (ޕީ.އެމް.އޯ) މި އާދަޔާޚިލާފު މަގު ބޭނުންކުރެއްވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ''ސީ.އެން.އެން'' އިން ވަނީ މިކަމާ ގުޅޭގޮތުން އެ އޮފީހުގެ ބަހެއް ހޯދުމަށް މަސައްކަތްކޮށްފައިކަމަށް ''ސީއެންއެން''ގެ ރިޕޯޓުގައި ބުނެފަވެއެވެ.
ޕީ.އެމް.އޯ އިން ދެ ހަފްތާ ކުރިން އިއުލާނުކޮށްފައިވަނީ، ނަތަންޔާހޫގެ ބައެއް ނޫސްވެރިންނާއި އޭނާގެ ވަފުދުގެ މެންބަރުންނަށް "ސީޓު ހަމަޖެއްސުމާއި ސެކިއުރިޓީއާ ގުޅުންހުރި ކަންކަމާ" ހުރެ ދަތުރުގައި ބައިވެރިވެވެން ނެތްކަމަށެވެ. ދަ ޖެރޫސަލަމް ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ އިތުރަށް ބޭނުންވާ ތެލުގެ ހަރަދު ބަރަދު ހަމަޖެއްސުމަށްޓަކައި ކުރި ކަމެކެވެ.
ފްރާންސްގެ ޑިޕްލޮމެޓިކް މަސްދަރަކުން ބުނި ގޮތުގައި، ފްރާންސްގެ ވައިގެ ސަރަހައްދުން ދަތުރުކުރުމަށް އިސްރާއީލުން އެދުނު އެދުން ފްރާންސުން ވަނީ ގަބޫލުކޮށްފައެވެ.
"ފަހުން އެމީހުން ނިންމީ އެހެން މަގެއް ބޭނުންކުރެއްވުމަށް، އަދި އެކަމުގެ ސަބަބެއް އަޅުގަނޑުމެންނަކަށް ނޭނގޭ" އެ ޑިޕްލޮމެޓް ވިދާޅުވިއެވެ.
މިދިޔަ ޖުލައި މަހު ނަތަންޔާހޫ އެމެރިކާއަށް ކުރި އެންމެ ފަހުގެ ދަތުރުގައި ގްރީސް، އިޓަލީ އަދި ފްރާންސްގެ މަތިން ދަތުރުކޮށްފައިވާކަމަށް، އެހެން ފްލައިޓް ޓްރެކިންގ ވެބްސައިޓެއް ކަމަށްވާ އޭ.ޑީ.އެސް-ބީ އެކްސްޗޭންޖުން ދައްކައެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ) އިން ނަތަންޔާހޫގެ މައްޗަށް ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކުގެ ތުހުމަތުގައި މިދިޔަ ނޮވެންބަރު މަހު ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވެއެވެ. ނަތަންޔާހޫ އައި.ސީ.ސީގެ މެންބަރު ގައުމެއްގެ ވައިގެ ސަރަހައްދުން ދަތުރުކޮށްފިނަމަ، އޭނާ އިން މަތިންދާބޯޓު ޖައްސައި، ހައްޔަރުކުރެވިދާނެއެވެ.
އިޒްރޭލު އަދި އެމެރިކާއަކީ އައި.ސީ.ސީގެ މެންބަރު ގައުމުތަކެއް ނޫނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!