ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި، 15 އަތޮޅު ހޮސްޕިޓަލެއްގައި، ދަތުގެ ފަރުވާގެ އެންމެ ފުރިހަމަ ސެޓަޕްތައް ޤާއިމުކުރައްވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިދިޔަ ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިރޭ ކޮޅުމަޑުލު ގުރައިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރެއްވުމަށް، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ކުރެއްވުމަށް ނިންމަވާފައިވާ މުހިންމު މަސައްކަތްތަކެއް ޢިއުލާންކުރަށްވަމުން ރައީސް ވަނީ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި، 15 އަތޮޅު ހޮސްޕިޓަލެއްގައި، ދަތުގެ ފަރުވާގެ އެންމެ ފުރިހަމަ ސެޓަޕްތައް ޤާއިމުކުރައްވާނޭކަމަށް ޢިއުލާން ކުރަށްވާފައެވެ.
އެމްއާރްއައިގެ ޚިދުމަތް ނެތް ހުރިހާ ޓަރޝަރީ ހޮސްޕިޓަލެއްގައި އެ ޚިދުމަތް ގާއިމުކުރަނީ
މީގެ އިތުރުން މާލެއިން ބޭރުގައި ބަހައްޓާ ފުރަތަމަ ޑީކޮމްޕްރެޝަން ޗެމްބަރ، މާދަމާ ގުރައިދޫގައި އިފްތިތާޙުކޮށްދެއްވާނޭކަމަށް ޢިއުލާންކުރަށްވާފައިވާއިރު، ޑީކޮމްޕްރެޝަން ޗެމްބަރ ބެހެއްޓުމަށް ވަޢުދުވެވަޑައިގެންފައިވާ ސަރަޙައްދުތައް ކަމުގައިވާ، އައްޑޫ ސިޓީ، ފުވައްމުލައް، ވިލިގިލި، ރަސްދޫ، ތިނަދޫ، އަދި މާލޭގައި ގިނަވެގެން ހަތަރު މަސްދުވަހުގެ ތެރޭގައި، މި ޗެމްބަރުތައް ބެހެއްޓޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ސަރުކާރުގެ އަމާޒަކީ، ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން، ޚިދުމަތްތައް ހޯދޭނޭ މަގު ފަހިކޮށްދެއްވައި، ޚިދުމަތްތައް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރައްވައި، ލާމަރުކަޒީ ސިޔާސަތު ތަންފީޒުކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!