ކުރިއަށް އޮތް އަހަރު ބައިނަލްއަޤުވާމީ މުބާރާތްތަކެއް ކުޅުދުއްފުށި ސިޓީއަށް ގެނެސްދޭނެކަމަށް އިއުލާންކުރަމުން އެކަމުގެ ޔަޤީންކަން ދިވެހިރާއްޖޭގެ ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަޙުމަދު މުޖުތަބާ ދެއްވައިފިއެވެ.

މުޖުތަބާ މިހެން ވިދާޅުވީ ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

މި ސެޕްޓެމްބަރ މަހު 18 އިން 22 އަށް ކުޅުދުއްފުށީގައި ބައިނަލްއަޤުވާމީ ފެންވަރަށް ބޭއްވި މި މުބާރާތާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މުޖުތަބާ ވިދާޅުވީ، ކުޅުދުއްފުށިން ނަމޫނާ އެކި އެކި ސަބަބުތަކާއެކު ބޮޑެތި މުބާރާތްތައް އެ ސިޓީގައި ބޭއްވޭނެކަމުގެ އިތުބާރާއި ޔަޤީންކަން ލިބިއްޖެކަމަށެވެ.

މިގޮތުން ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ފަދަ ބޮޑު ބައިނަލްއަޤުވާމީ މުބާރާތެއް ރާއްޖޭގައި ބާއްވަން ހަމަޖެހުނީ ފިކުރާއި ވިސްނުމަށްފަހު އޭޝިއަން ހޭންޑްބޯލް އެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލް ކުޅުދުއްފުއްޓަށް އައުމަށްފަހު، ހޯސްޓް ކުރެވިދާނެތޯ ބެއްލެވުމަށްފަހުކަމަށް މުޖުތަބާ ވިދާޅުވެފައިވެއެވެ.

އެ ދަތުރުގައި ހޭންޑްބޯލް އެސޯސިއޭޝަނުން ކުޅުދުއްފުށީ ފާހަގަކުރައްވާފައިވަނީ، ދުނިޔޭގައި އަދި މިހާތަނަށް ބޮޑު މުބާރާތެއް ބޭއްވޭ ފެންވަރަށް ވުރެއް މާ ފެންވަރުމަތި ތަނެއްގެ ގޮތަށެވެ. އަދި އިއްޔެ ނިމިދިޔަ މުބާރާތް ކުރިއަށް ގެންދިއުމުގެ މަސައްކަތް ފެށީ، ކުޅުދުއްފުއްޓަކީ "ވޯރލްޑް ޗެމްޕިއަންޝިޕް" ވެސް ބޭއްވިދާނެ ފެންވަރުގެ ތަނެއްކަމަށް ބަލައިގެންކަމަށް މުޖުތަބާ ވިދާޅުވެފައިވެއެވެ.

މި ފުރުސަތުގައި، ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހުނު ހިސާބުން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު، އަބްދުالله ރާފިއު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުން ހުއްދައަށް އެދުމަށްފަހު ހުއްދަ ދެއްވީތީ، އެމަނިކުފާނު މި މުބާރާތައް ދެއްވި އެހީތެރިކަމާއި އެއްބާރުލުން މުޖުތަބާ ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން އެތައް ގޮންޖެހުމަކަށްފަހުވެސް، މި މުބާރާތް ފުރިހަމައަށް ބޭއްވުނީތީ ވަޒީރު ރާފިއު އަށާއި، އިންޓަނޭޝަނަލް ފެޑަރޭޝަން އަދި ކޮމަންވެލްތް ބީޗް ހޭންޑްބޯލް ފެޑަރޭޝަނަށާއި، ކުޅުދުއްފުށީގެ މޭޔަރ މުޙައްމަދު ޢާޠިފް އަށާއި ސިޓީ ކައުންސިލްގެ މެންބަރުންގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިން އަދި މުވައްޒަފުންނާއި، މި ކަމުގައި ބައިވެރިވި ފަރާތްތަކަށް މުޖުތަބާ ވަނީ ޝުކުރު ދަންނަވާފައެވެ.