ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ލިބޭ ބައެއް އިނާޔަތްތައް އުނިކޮށް، އެކަންކަމަށް އިސްލާހު ގެނައުމަށްޓަކައި މަޖިލީހުގެ ދެން ފެށޭ ދައުރުގައި ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
މި ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ރައީސުންނަށް މިހާރު ލިބެމުންދަނީ ވަރަށް ބޮޑު އިނާޔަތެއް ކަމަށެވެ. އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް އަބުރުވެރިކަމާއެކީ ޤައުމަށް ޚިދުމަތްކުރުމަށް ނުވަތަ އުޅުއްވުމަށް ޤާނޫނުން ދައުލަތުން ފުރުސަތު ދެއްވަންޖެހޭނެކަމަށާއި، ނަމަވެސް، އެ ޤައުމެއްގެ ނިސްބަތުން، ޤައުމަކަށް ވާން އޮތް މިންވަރަކުން މި ކަންކަން ވާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، ކުރީގެ ރައީސުންނަށްދޭ އިނާޔަތްތަކަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށާއި، ބައެއް އިނާޔަތްތައް އުނިވެ، އަނެއް ބައި އިނާޔަތްތަކަށް ބަދަލުތައް އަންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
''އެ ޤައުމެއްގެ ނިސްބަތުން، އެ ޤައުމަކަށް ވާން އޮތް މިންވަރަކުން ވާނީ. އެހެންވީމާ، ކުރީގެ ރައީސުންނަށްދޭ ޢިނާޔަތްތަކަށް އެބަޖެހޭ ބަދަލުތަކެއް އަންނަން. ބައެއް ޢިނާޔަތްތައް އުނިވާން. ބައެއް ޢިނާޔަތްތަކަށް ބަދަލުތަކެއް އަންނަން. އެއީ، އަޅުގަނޑު ހިތުން ޤައުމުގެ ހާލުގެ ދުލުން ގޮވަމުންދާ ތެދު ޙަޤީޤަތެއް.'' ރައީސް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުން، މެންބަރުކަމުން ވަކިވުމަށްފަހު ލިބޭ އިނާޔަތްތަކަކީވެސް ރައްޔިތުން އިންސާފުވެރި ގޮތެއްގައި ލިބޭ އެއްޗެއް ކަމަކަށް ޤަބޫލުނުކުރައްވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ ބޭފުޅުންނަށް ލިބޭ އިނާޔަތައް ވެސް މިހާރަށްވުރެ ކުޑަވާންޖެހޭނެ ނުވަތަ ބަދަލުތަކެއް އަންނަންޖެހެއެވެ. އެއް ދައުރު އުޅުނީމާވެސް މިހާރު ކޮންމެވެސް އެއްޗެއް ލިބޭ ކަމަށް ވިދާޅުވެ، މިއީ ވިސްނަންޖެހޭ އަދި ބަދަލުތަކެއް އަންނަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސުންނާއި މެންބަރުންގެ ބައެއް އިނާޔަތްތައް އުނިކޮށް، ޕެންޝަން އެއްހަމަކުރަން ހުށަހަޅަނީ
ރައީސް ވިދާޅުވި ގޮތުގައި، މަޖިލީހުގެ ދައުރު ހުޅުވުމާއެކު ސަރުކާރުން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި، ކުރީގެ ރައީސުންނާއި މަޖިލީހުގެ މެންބަރުކަން ކުރައްވާފައި މިހާރު މަޖިލީހުގައި ނޫޅުއްވާ ބޭފުޅުންނަށް ލިބޭ އިނާޔަތްތަކަށް އިސްލާހު ގެނައުމާއި، ބައެއް އިނާޔަތްތައް ވަކިކުރުމަށް ހުށަހަޅުއްވާނެއެވެ. މިއީ ޤައުމަށް ވަރަށް މުހިންމު އަދި ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރަށް ރައީސް މުޢިއްޒު ވިދާޅުވީ، އެކި މުއައްސަސާތަކުގައި އުޅުއްވާފައި ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުން، ރިޓަޔަރ ކުރެއްވުމަށްފަހު ދައުލަތުގެ އެކި މަގާމުތަކަށް ވަޑައިގަންނަވާ ކަމަށެވެ. އެބޭފުޅުން އެ މަގާމުތަކުގައި ފުލްޓައިމްކޮށް އުޅުއްވާ މުއްދަތުގައި، ރިޓަޔަރމަންޓް ސްކީމުން މަހަކު ލިބޭ އަދަދު ލިބުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ރައްޔިތުން ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، އެ ދުވަސްވަރަށް ރިޓަޔަރމަންޓުން ލިބޭ އަދަދު ސަސްޕެންޑު ކޮށްލައި، ނުލިބޭ ގޮތަށް ހެދުމަކީ ރަނގަޅު އަދި އިންސާފުވެރި ގޮތެއް ކަމަށް ރައީސް ވިދާޅުވިއެވެ. ދެން އަނެއްކާވެސް އެ މަގާމުން ވަޑައިގަތީމާ ކުރީގައި އޮތް ގޮތަށް އިއާދަވެ، ލިބެން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!