ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ދެމުންދާ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މި ނިންމެވުން އެމަނިކުފާނު ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި މި ބަދަލުތައް ގެނައުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނިންމެވުމުގެ ދަށުން، ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމަށްފަހު ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައްޔަންކުރެވޭނަމަ، އެ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި އެ އިނާޔަތްތައް މެދުކަނޑާލެވޭނެ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވޭނެއެވެ.

މިހާރު ރާއްޖޭގައި ތިއްބެވި ކުރީގެ ރައީސުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ އިބްރާހިމް މުހައްމަދު ޞާލިހް، މައުމޫން އަބްދުލްގައްޔޫމް، އަބްދުﷲ ޔާމީން، މުހައްމަދު ނަޝީދު އަދި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

ޑަބަލް ޕެންޝަންގެ މައްސަލައަކީ ދައުލަތުގެ މާލިއްޔަތަށް ބުރަބޮޑު، އަދި ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާތީ، މި މައްސަލަ ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް ވަނީ މަސައްކަތް ފަށާފައެވެ.

މި އިސްލާހުތައް ގެނައުމަށް ހުށަހެޅޭ ބިލު ރައްޔިތުންގެ މަޖިލީހަށް ލަސްނުކޮށް ހުށަހެޅޭނެ ކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ.