ކުޅުދުއްފުށި ސިޓީގައި މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރްއެފް) އެއް ހުޅުވައިފިއެވެ.

މިއަދު ހަވީރު މި ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ސައުތް އޭޝިއާ ކޯޕަރޭޓިވް އެންވާރަމެންޓް ޕްރޮގްރާމު (ސަކެޕް) ގެ ޑިރެކްޓަރ ޖެނެރަލް ނޯބޫ ވެންޗަކް އެވެ. އަދި މި ރަސްމިއްޔާތުގައި މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވްސް ސޮސައިޓީ (މެކްސް) ގެ ޗެއަރޕާސަން އާއި މެކްސް ގެ ޓީމާއި، ކައުންސިލް މެންބަރުންގެ އިތުރުން ވެމްކޯގެ އިސްވެރިންނާއި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީގައި ޤާއިމްކުރެވުނު މި މެޓީރިއަލް ރިކަވަރީ ފެސިލިޓީ އަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، މެކްސް އަދި ވެމްކޯ އާއި ގުޅިގެން ކުރިއަށް ގެންދިޔަ ސަކެޕް ޕްލީސް ޕްރޮޖެޓްގެ މުހިންމު ކޮމްޕޯނެންޓް އެއްކަން ފާހަގަކޮށްލެވެއެވެ.

މިގޮތުން މި ޕްރޮޖެކްޓްގެ ދަށުން ވޯލްޑް ބޭންކުން ފަންޑްކޮށްގެން މި ފެސިލިޓީ ޤާއިމްކުރުމުގެ މަސައްކަތް ފަށާއިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގައެވެ. އަދި މިއަހަރުގެ މެއި މަހު މި ފެސިލިޓީގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

ކުނިކޮއްޓަށް ޖަމާވާ ގިނަ ކުނިތައް ރީސައިކަލް ކުރުމަށް ރަށުން ބޭރުކުރެވެންދެން ބެހެއްޓުމުގެ މަޤުސަދުގައި، ސިޓީގައި މިއަދު ހުޅުވި މި ފެސިލިޓީގައި ކުނި ވަކިކޮށް، ކުނީގެ ވޮލިއުމް ކުޑަކުރުމަށް ޕްލާސްޓިކް ކުންޏާއި، އެލްމިނިއަމް ފަދަ މައުދަނުތައް ބޭރުކުރުމަށް 2 ވޭލިންގ މެޝިނު ހިމެނޭހެން ފެސިލިޓީގެ މުވައްޒަފުން މަސައްކަތް ކުރުމަށް އޮފީހަކާއި، ބަދިގެއަކާއި، ނަމާދު ކޮޓަރިއެއް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެކްސް ގެ ޗެއަރޕާސަން އައިމިނަތު އަބްދުالله ވިދާޅުވީ، މި ފެސިލިޓީގެ ސަބަބުން ރަށުތެރެއިން ގެންނަ ކުނި ބައިބަޔަށް ވަކިކޮށް (ހާއްސަކޮށް ޕްލާސްޓިކް ކުނި)، ފިއްތާފައި ބޮނޑިބޮނޑިއަށް އަޅާފައިވާ ނިޒާމެއްގެ ތެރެއިން މަގުފަހިވާނެކަމަށެވެ.

މިގޮތުން ފެސިލިޓީގައިވާ މެޝިނުތަކުގެ އެހީގައި ޕްލާސްޓިކް ފެންފުޅީގެ 2 ޖަންބޯ ބޭގު އެކަކަށް އަތުން އުފުއްލެވޭވަރަށް 30 ވަރަކަށް ކިލޯގެ ބޮނޑިއަކަށް ފިއްތާލައި ސައިޒުން ކުޑަ ކޮށްލެވޭނެކަމަށާއި، ކުނިގޮނޑު ތޮއްޖެހުމުންނާއި، ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖްކުރުމަށް މި ފެސިލިޓީ ހުރުމުން ފަސޭހަވެގެންދާނެކަމަށް ޗެއަރޕާސަން އައިމިނަތު އަބްދުالله ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން މި ފެސިލިޓީ އިމާރާތްކޮށް ބޭނުންވާ މެޝިނަރީއާއި ކުނި އުފުލާނެ ރަށު ޕިކަޕާއި ސޯލާ ކަރަންޓް ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސައިދީފައިވާނެކަމަށާއި ފެސިލިޓީގެ މުވައްޒަފުންނަށް ތަމްރީނު ދެވިފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މިއަދު ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރެވުނު މި މެޓީރިއަލް ރިކަވަރީ ފެސިލިޓީ ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ، ސަކެޕްގެ ޑިރެކްޓަރ ޖެނެރަލް ނޯބޫ ވަންޗަކް އާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް މެންބަރ އަޙުމަދު އަބްދުالله އާއި ވެމްކޯގެ އުތުރު އޮޕަރޭޝަންސް ގެ ޖެނެރަލް މެނޭޖަރ ޝާތިފް އަލީގެ އިތުރުން މެކްސް ގެ ޗެއަރޕާސަން އައިމިނަތު އަބްދުالله އެވެ.