ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" މަޖިލީހުން ފާސްވިނަމަވެސް ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުވާގޮތަކަށް ބިލުގައެއް ނެތްކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ ގޮތުގައި ވެސް ހުންނެވި ފަލާހް މިފަދައިން ވިދާޅުވެފައިވަނީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މީޑިއާ ބިލުގައި ސޯޝަލް މީޑިއާތައް ރެގިއުލޭޓްކޮށް، ފޭސްބުކް، ޓިކްޓޮކް އަދި ޓްވިޓަރ ފަދަ އެކައުންޓްތައް ބަންދުކުރެވޭނެ އެއްވެސް މާއްދާއެއް ހިމެނިފައެއް ނުވެއެވެ.

Ad
rt

ފަލާހް އިތުރަށް ވިދާޅުވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ޒުވާނުންނާއި ރައްޔިތުންގެ މުސްތަޤުބަލް އުޖާލާކޮށް ރައްކާތެރިކޮށްދޭނެ ހެޔޮލަފާ ވެރިއެއްކަމުގެ 100 އިންސައްތަ ޔަޤީންކަން އޮތް ބޭފުޅެއް ކަމަށެވެ.

މީގެއިތުރުން، އެމްޑީޕީގެ މިހާރުގެ ސިޔާސީ ހަރަކާތްތައް ބައްޓަންކުރެވިފައިވަނީ 2008 ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރި ގޮތަށްކަމަށް ފަލާހް ވިދާޅުވިއެވެ. އަދި މިދިޔަ ވެރިކަމުގައި އެމްޑީޕީގެ ނުފޫޒުގަދަ ފަރާތްތަކުން ކޮށްފައިވާ ވައްކަންތަކުގެ މައްސަލަތައް ބެލެން ފެށުމާ ގުޅިގެން މިހާރު މުޒާހަރާތަކަށް ގޮވާލަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަލާހްގެ މި ޕޯސްޓްގައި ޒުވާނުންނަށް ގޮވާލައްވާފައިވަނީ ސޯޝަލް މީޑިއާ ބޭނުންކުރުން މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށެވެ. އަދި ޒުވާނުންނަކީ މި ޤައުމުގެ މުސްތަޤުބަލް އުފެއްދުމަށް ތިބި ކިޔަވައިގެން ތިބި ވިސްނުންތެރި ޖީލެއްކަން ވެސް ވިދާޅުވެފަވެއެވެ.

ވަކިވަކި ނޫސްވެެރިންނަށް ފިޔަވަޅު އެޅޭ މާއްދާ އުނިކުރުން ހިމެނޭހެން ހަންނާނުގެ ބިލަށް އޭޖީގެ އިސްލާހްތަކެއް

ފަލާހް މިހެން ވިދާޅުވެފައިވާއިރު، ގިނަ ނޫސްވެރިން ދަނީ މި ބިލާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނޫސްވެރިންގެ ކަންބޮޑުވުންތަކާއެކު ބަންޑާރަނައިބުގެ އޮފީހުން ވަނީ މި ބިލަށް މިހާރު 14 އިސްލާހެއް ހުށަހަޅާފައެވެ. މީގެ ތެރޭގައި ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމާއި، ވަގުތީ ގޮތުން ރަޖިސްޓަރީ ބާތިލްކުރެވޭ މާއްދާ އުނިކުރުން ހިމެނެއެވެ.

މިބިލާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބް އަހުމަދު އުޝާމް ވިދާޅުވީ، މީޑިއާ ބިލަށް ހުށަހަޅާފައިވާ އިސްލާހުތައް ރައްޔިތުންގެ މަޖިލިހުން ފާސްވެއްޖެ ނަމަ ހުރިހާ ކަމަކަށް ހައްލު ލިބި، ނޫސްވެރިކަން ރެގިއުލޭޓް ކޮށްގެން ކުރިއަށް ދެވޭނެ ކަމަށެވެ.