ކުޅުދުއްފުށީ ސިޓީ ސާފުކުރުމުގެ ހާއްސަ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

އެ ހަރަކާތާއި ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، އެއީ "ވޯލްޑް އެންވަޔަރަމަންޓް ޑޭ 2025" އާއި "ވޯލްޑް ކްލީނަޕް ޑޭ 2025 " އާއި "އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ 2025" ފާހަގަކުރުމަށާއި އަދި ކޮމަންވެލްތް ބީޗް ހޭންޑްބޯލް ގޭމްސް ފެށުމަށް ތައްޔާރުވުމަށްޓަކައި ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށެވެ.

Ad
rt

މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ މުއައްސަސާތަކާއި ގުޅިގެންނެވެ.

ސިޓީ ކައުންސިލުން ވަނީ މި ޙަރަކާތުގައި ބައިވެރިވި ހުރިހާ އިދާރާތަކަށާއި ސްކޫލްތައް އަދި ކުލަބް ޖަމިއްޔާ ޖަމާޢަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދިޔަ ސާފުކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންތަކެއް، ފޮޓޯ: ސިޓި ކައުންސިލް

މީގެ އިތުރުން ސިޓީ ކައުންސިލުން އިވެންޓް ކުރިއަށްދިޔަ ވަގުތު ކުނި ނެގުމުގެ މަސައްކަތް ކޮށްދީފައިވާތީ ވެމްކޯ ކުޅުދުއްފުށި ބްރާންޗް އަދި ކުޅުދުއްފުށި ޕަބްލިކް ވޯކްސް އަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.

ކުޅުދުއްފުށި ސިޓީގައި ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 ފެށުމަށް ތާވަލުކޮށްފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 18 އިން 22 އަށެވެ. މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތެވެ. މި މުބާރާތަކީ އޭޝިއަން ފެޑެރޭޝަނާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއީސީ) އާއި ކުޅިވަރާއި ބެހޭ ވުޒާރާއިން މަޝްވަރާކުރުމަށްފަހު ކުޅުދުއްފުށީގައި ބާއްވަން ނިންމައި ކޮމަންވެލްތައް ޕްރޮޕޯސަލް ހުށަހެޅުމަށްފަހު އެ ޕްރޮޕޯސަލް ބަލައިގަތުމުން ކޮމަންވެލްތުގެ ހުރިހާ ގައުމަކަށް ދައުވަތު ދީގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތެކެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހަކީ ޖޫން 5 ވަނަ ދުވަހެވެ. ވޯލްޑް ކްލީނަޕް ޑޭ އަކީ ސެޕްޓެމްބަރު 20 ވަނަ ދުވަހެވެ. އަދި އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ވެސް ފާހަގަކުރަނީ ސެޕްޓެމްބަރު 20 ވަނަ ދުވަހުއެވެ.