ސްރީލަންކާގައި މިހާރު ކުރިއަށްދާ "ސައުތު އޭޝިއަން ސުޕަރ ކަޕް 2025" ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފިއެވެ.
ސްރީލަންކާގައި އިއްޔެ ކުޅުނު ސައުތު އޭޝިއަން ސުޕަ ކަޕްގެ މެޗްގައި ލަންކާއާ ދެކޮޅަށް ކުޅެ ރާއްޖެއިން ވަނީ 3-0 އިން ބޮޑު މޮޅެއް ހޯދައި، މޮޅު ކުޅުމެއް ދައްކާފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އަށް ރައީސް މިއަދު ހެނދުނު ފޯނުން ގުޅުއްވާ، އިއްޔެ ކުޅުނު މެޗުން ޤައުމީ ޓީމް ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ، ކުރިއަށް އޮތް މެޗްތަކުގައި ކާމިޔާބީ ހޯދުމަށް ހިތްވަރާއެކު މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އަދި ފުޓްބޯޅައިގައި ދިވެހި ޤައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް ޤައުމީ ޖޯޝާއެކު މަސައްކަތް ކުރެއްވުމަށްވެސް ރައީސް އިލްތިމާސް ކުރެއްވިއެވެ.
މޮޅު ނަތީޖާއަކުން ލަންކާ ބަލިކޮށް ރާއްޖެއިން އުންމީދު އައު ކޮށްދީފި
ރައީސް މުޢިއްޒު ޓީމަށް ގުޅުއްވާ މަރުހަބާ ވިދާޅުވުމަކީ ޓީމަށް ލިބުނު އިތުރު އުފަލަކާއި ހިތްވަރެއް،" ކޯޗް މުހައްމަދު ޝިޔާޒު ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރައީސް އެދިވަޑައިގެންނެވި ގޮތަށް ދިވެހި ފުޓްބޯޅައަށާއި ރައްޔިތުންނަށްޓަކައި ފުޓްބޯޅައަށް ރީތިނަން ހޯދައިދިނުމަށް ކުރިއަށް އޮތް މެޗްގައި އިތުރަށް ހިތްވަރުކޮށް، ޓީމްގެ އުއްމީދަކީ ތަށި ކާމިޔާބުކުރުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިހާރު ދަނީ ކުރިން ދިވެހިރާއްޖޭގައި އޮންނަ ފުޓްބޯޅައިގެ ފޯރި އަލުން ގެނެސް، ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީކޮށް އަލާކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ އިތުރުން މާލެއާއި އަތޮޅުތަކުގައި ކުޅިވަރު ތަރައްޤީކުރެއްވުމަށް ތަފާތު ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!