ސްރީލަންކާގައި މިއަދު ކުޅުނު ސައުތު އޭޝިއަން ސުޕަ ކަޕްގެ މެޗްގައި ލަންކާއާ ދެކޮޅަށް ކުޅެ ރާއްޖެއިން 3-0 އިން މޮޅުވެއްޖެއެވެ.
ރާއްޖޭގެ މައި ފުޓްބޯޅަ އިދާރާ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޚިޔާނާތުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ފަހުނޭވާގައި ވަނިކޮށް، އެފްއޭއެމްގެ އައު އެސްކޯއެއް އިންތިޚާބު، އެ އެސްކޯގެ ދަށުން ރާއްޖޭގެ ފުޓްބޯޅަ އަލުން ތަރުތީބުކުރަން ފެށިފަހުން ކުޅުނު ބައިނަލްއަގްވާމީ ފުރަތަމަ މެޗުގައި ލަންކާ އާއި ދެކޮޅަށް ރާއްޖެ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މި މޮޅާއެކު ރާއްޖޭގެ ފުޓްބޯޅައަށް ލޯބިކުރާ މީހުންނަށް ވަނީ އުންމީދު އައުވެގެން ގޮސްފައެވެ.
ރާއްޖެއަކީ ކުރިން ސަރަހައްދުގެ ފުޓްބޯޅައިގެ މައި އެއް ބާރެވެ. ނަމަވެސް ފަހަކަށް އައިސް ރާއްޖޭގެ ފުޓްބޯޅަ އޮތީ މީން ޒަމާނަކު ނުދާހާ ފަހަތަށް ސޮއްސާލާފައެވެ. މިހާލަތުން އަރައިގަތުމަށް އެފްއޭއެމްގެ އައު އެސްކޯގެ ވަރުގަދަ ޕްލޭންތަކެއް ހުރިއިރު، ގައުމީ ފުޓްބޯޅަ ޓީމުގެ ހިންގުން ވެސް މުޅިން އައު މެނޭޖްމަންޓަކާއި ހަވާލުކޮށްފައެވެ.
ތަޖުރިބާކާރު ކޯޗު މުހައްްމަދު ޝިޔާޒް (މޯހަން)ގެ ބެލުމުގެ ދަށުން މިއަދު ލަންކާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެއަށް ލީޑުނަގައިދިން ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ. އަދި ރާއްޖޭގެ ލީޑު ފުޅާކުރި ލަނޑު ޖަހައިދިނީ 35 ވަނަ މިނެޓުގައި އިބްރާޙިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.
ރާއްޖޭގެ ލީޑު އިތުރަށް ފުޅާކުރި ލަނޑު ޖަހައިދީފައި ވަނީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ފަސް މިނެޓުގެ ތެރެއިން ފުރަތަމަ މިނެޓުގައިއަލީ ފާސިރު (ސެންޓޭ) އެވެ. މިއީ އެންމެ 16 އަހަރުގެ މުޙައްމަދު އިލާން އިމްރާން ދިން ހުސް ފުރުސަތެއްގައި ސެންޓޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!