ކުޅުދުއްފުށި ސިޓީގައި މަސްބާނާ ޕްލެޓްފޯރމެއް ޤާއިމްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.

އެގޮތުން ކުޅުދުއްފުށި ސިޓީގެ ވަރަށް ގިނަ ޒުވާނުންނާއި އާންމުން ބޭނުންވާކަމަށް ވާތީ، މަސްބާނާ ޕްލެޓްފޯރމެއް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން ސިޓީ ކައުންސިލުން ވަނީ 3 ސެޕްޓެމްބަރ 2025 ގައި، މި މަސައްކަތުގެ އިންޖިނިއަރިންގ، އަރކިޓެކްޗަރަލް، ޕްލޭނިންގ އަދި ތިމާވެށީގެ ލަފާ ހޯދުމަށް ޝެރެޓް ސްޓޫޑިއޯ އާއި ހަވާލުކޮށްފައެވެ.

Ad
rt

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ޝެރެޓް ސްޓޫޑިއޯއާއި ވަނީ މަސްބާނާ ޕްލެޓްފޯރމެއް ޤާއިމްކުރުމަށް ސްޕޭސިން ހަދައި، ތަފްސީލީ ކުރެހުންތައް ކުރަހައި، ބީ.އޯ.ކިއު ތައްޔާރުކޮށް، އަދި ޕްރިލިމިނަރީ އެންވަޔަރަމެންޓަލް އެސަސްމަންޓް ހެދުމަށް ވެސް ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ މަސައްކަތާއި ގުޅިގެން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް "ތިލަދުން" އަށް ވިދާޅުވީ، މަސްބާނާ ޕްލެޓްފޯމެއް ތަރައްޤީކުރުމަށް ސިޓީ ކައުންސިލުން ނިންމި މައިގަނޑު ސަބަބަކީ، ކުޅުދުއްފުއްޓަކީ ސްޕޯރޓްސް ފިޝިންގނާއި، އެހެނިހެން މަސްވެރިކަމަށް ޝައުޤުވެރިކަން ހުންނަ ގިނަ ރައްޔިތުން ތިބި ރަށަކަށް ވުމާއި، ހާއްސަކޮށް ގިނަ ޒުވާނުން އެދެމުންދާކަމަށް ވާތީ ކަމަށެވެ.

މިގޮތުން، މި އަހަރު ކައުންސިލް މަސައްކަތު ތާވަލް ތައްޔާރުކުރުމަށް ރައްޔިތުންނާއި އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައިވެސް މި މަސައްކަތް ކުރުމަށް ބޮޑު ތާއީދެއް ލިބިފައިވާ ކަމަށް މޭޔަރ އާޠިފް ވިދާޅުވެފައިވެއެވެ.

ކުޅުދުއްފުށީ އިރުމަތި ފަރާތުގައި ތަރައްޤީކުރާ މި މަސްބާނާ ޕްލެޓްފޯރމާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ވަނީ، މި މަސައްކަތް ކުރިއަށް ދާއިރު މަސްބާނާ ފަރާތްރަކާއި ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން އިތުރުކުރުމަށް ބައްދަލުވުންތަކެއް ބާއްވައި، ގުޅުންހުރި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދާނެކަމަށް ފާހަގަކޮށްފައެވެ.