ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ދަ ސެންޓްރަލް ކޮމިޝަން އަދި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓްބިއުރޯގެ އިސް އޮފިޝަލެއްކަމުގައިވާ ލީ ޝީ އާ ބައްދަލުކުރައްވައިފިއެވެ.
ރައީސް މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ދަ ސެންޓްރަލް ކޮމިޝަން އަދި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓްބިއުރޯގެ އިސް އޮފިޝަލެއްކަމުގައިވާ ލީ ޝީ އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ލީ ޝީ ވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ތަމްސީލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ އެސްސީއޯ ސަމިޓްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އަދާކުރެއްވި މެހުމާންދާރީއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މި ބައްދަލުވުމަކީ، އެކި ދާއިރާތަކުން މުހިންމު މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގެ ސަބަބުން ޗައިނާއާއި ރާއްޖެއާއި ދެމެދު މުހިންމު ދާއިރާތަކުން ގުޅުންބަދަހިވެފައިވާކަން ފާހަގަކުރައްވައި ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ހިޒް އެކްސެލެންސީ ލީ ޝީ ގެ ވާހަކަފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އިސްކަންދޭކަންތައްތަކުގައި އެއްބާރުލުންދީ ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމުގެ މުހިންމުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ އާދީއްތަ ދުވަހު ހެނދުނު ބައްދަލުކުރަށްވާފައެވެ. މީގެ އިތުރުން ހޯމަ ދުވަހު ވަނީ ނޭޕާލްގެ ބޮޑުވަޒީރު ރައިޓް އޮނަރަބަލް ކޭ.ޕީ. ޝަރްމާ އޮލި އާ ބައްދަލުކުރަށްވާފައެވެ. އަދި މިއަދު ވަނީ އަޒަރްބައިޖާންގެ ރައީސް އިލްހާމް އާއި ބައްދަލުކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!