ހދ.ހަނިމާދޫގައި، ކުނި މެނޭޖްކުރުމުގެ ހިދުމަތުގައި ރަޖިސްޓަރީވެފައިވާ ހުރިހާ ގޭބިސީއަކަށް އެ ރަށު ކައުންސިލުން ހިލޭ ޑަސްބިން ފޯރުކޮށްދޭން ފަށައިފިއެވެ.

ކުނީގެ ހިދުމަތުގައި ރަޖިސްޓަރީވެފައިވާ ހަނިމާދޫގެ ގެއަކަށް ހަދިޔާ ކުރަން ގެނެސްފައިވާ ޑަސްބިނެއްކައިރީ ކައުންސިލް ހަތަރު މެމްބަރުން، ފޮޓޯ: ކައުންސިލަރ ހާރިސާ

Ad
rt

ހަނިމާދޫގެ ގޭބިސީތަކުން ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ އެ ރަށު ކައުންސިލުންނެވެ. އެ ކައުންސިލްގެ މުވައްޒަފުންނާއި ވެހިކަލްތައް ބޭނުންކޮށްގެން މި ހިދުމަތް ފޯރުކޮށްދެމުން އަންނަތާ މިހާރު އަހަރުތަކެއް ވެފައިވާއިރު، އެ ރަށުގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ފެށުމުގެ ގޮތުން ވެސް، ކުނީގައި ރަޖިސްޓަރީވީ ހުރިހާ ގޭބިސީތަކަކަށް މީގެ ކުރިން ވެސް ކައުންސިލުން ވަނީ ހިލޭ ޑަސްބިން ފޯރުކޮށްދީފައެވެ. އަދި ކުނިވާ ޒާތުގެ ކުނި އެޅުމަށް ހާއްސަ ކުދި ޑަސްބިން ވެސް އެ ކައުންސިލުން މީގެކުރިން ވަނީ ހެލޭ ފޯރުކޮށްދީފައެވެ.

ގޭބިސީތަކުގައި ބޭނުން ކުރަމުން އައި ޑަސްބިންތަކުގެ ހާލަތު ދަށްވެފައިވުމާއިއެކު އެ ކައުންސިލުން މިވަނީ އަނެއްކާ ވެސް ހިލޭ ޑަސްބިން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.

މި ނޫހާއި ވާހަކަ ދައްކަމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ބުނީ ގޭބިސީތަކަށް ޑަސްބިން ބެހުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށާއި، ބެހުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެ ކައުންސިލްގެ މުވައްޒަފުން ކަމަށެވެ. ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭ ހުރިހާ ގެއަކަށް ޑަސްބިން ބަހާ ނިންމާލެވޭނެ ކަމުގައި އޭނާ ބުންޏެވެ.

ފިރާގު ބުނީ މިވަގުތު އެ ރަށުގެ ކުނި މެނޭޖްކުރުމުގެ ހިދުމަތުގައި ރަޖިސްޓަރީވެފައިވާ 393 ގެ އެބަހުރި ކަމަށެވެ. އެ ހުރިހާ ގެޔަކަށް ޑަސްބިން ފޯރުކޮށްދޭން ނިންމާފައިވާ ކަމުގައި އޭނާ ބުންޏެވެ.

ހަނިމާދޫގެ ކުނީގެ މައްސަލަ ހައްލު ކުރުމަށް އެ ރަށު ކައުންސިލުން އަންނަނީ ފާހަގަކޮށްލެވޭފަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުނިވާ ޒާތުގެ ކުނީގެ މައްސަލައަށް ހައްލެ ގެނައުމުގެ ގޮތުން ހާއްސަ ހަޓްތަކެއް ހަދާ އެ ތަންތަނުން ކުނި ކަލެކްޓް ކުރުމުގެ މަސައްކަތް ވެސް ވަނީ މިފިޔަ އަހަރުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ފަށާފައެވެ.