ކުޅުދުއްފުށި ސިޓީ ބޯޒިޔާރަތް ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެ ސަރަހައްދަށް ވަދެ އުޅުން މަނާކޮށް ސަމާލުވުމަށް ސިޓީ ކައުންސިލުން އެދިއްޖެއެވެ.
ބޯޒިޔާރަތް ގޮނޑުދޮށް ހިމާޔާތްކުރުމާއި ގުޅޭ ގޮތުން ސިޓީ ކައުންސިލުން މިއަދު އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާތީ، މަސައްކަތު ސައިޓް ތެރެއަށް ވަނުމާއި އެ ސަރަހައްދުގައި މޫދަށް އެރި އުޅުމަކީ މަނާކަމެއް ކަމަށެވެ.
އެގޮތުން ބޯޒިޔާރާތުގެ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ ގޮތުން ވެލިގަނޑު ހިފެހެއްޓުމަށްޓަކައި މި މަޝްރޫއުގެ ދަށުން 4 ގްރޮއިން ޖިއޯ ބޭގްސް ޖަހަން ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ވެލިގަނޑު ވަރަށް ބޮޑަށް ގިރުމުގެ ސަބަބުން ސަރަހައްދުގައި ގައު އިތުރުވެފައިވާތީ ވެލިގަނޑު ފުރާނާ، ގައުތައް ނެގުމުގެ މަސައްކަތްވެސް ކުރެވިގެންދާނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
އެހެންކަމުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެ ސަރަހައްދަށް ވަދެ އުޅުން މަނާކޮށް ސަމާލުވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
ކުޅުދުއްފުށި ސިޓީގެ ބޯޒިޔާރަތް ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން 21 މާރިޗް 2025 ގައި ހަވާލުކޮށްފައި ވަނީ ބެންޒީ ޕްރައިވޭޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އަގަކީ 3،378،000.24 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!