ހއ. ދިއްދޫގައި ޤާއިމްކުރާ އިސްލާމީ މަރުކަޒުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އިސްލާމީ ކަންތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.
އެ ވުޒާރާއިން ބުނެފައިވަނީ ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދު ދިއްދޫގައި ސަރުކާރުން ޢިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައިފައިވާ ކަމަށެވެ. އެގޮތުން 1500 މީހުންގެ ޖާގައިގެ މި މަރުކަޒުު އެއްކޮށް ނިންމާލެވޭނެކަމަށް ލަފާކުރެވެނީ މިއަންނަ އޮކްޓޯބަރ މަހު 15 ގައިކަމަށް އެ ވުޒާރާއިން ބުންޏެވެ.
"މި މަރުކަޒުގެ 99% ވަނީ ނިމިފައި. މިއީ 1500 މީހުންގެ ޖާގައިގެ މަރުކަޒެއް. ނިމޭނެކަމަށް ލަފާކުރެވެނީ 15 އޮކްޓޯބަރ 2025 ގައި." އިސްލާމީ ކަންތަކާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ދިއްދޫ އިސްލާމީ މަރުކަޒު، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މީގެ އިތުރުން މިހާރު އިސްލާމީ މަރުކަޒުގައި ކުރިއަށްދަނީ ފަރުނީޗަރ އަދި އައިޓީ އިކުއިޕްމަންޓްސް ހޯދުމުގެ މަސައްކަތް ކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢު އަކީ ދެ ފަންގިފިލާގެ، 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 4 ކްލާސްރޫމާއި، ދެ ސެމިނަރ ރޫމް އަދި އިސްލާމިކް ލައިބްރަރީއެއްގެ އިތުރުން އޮފީސް ބައެއް ހިމެނޭހެން ޤާއިމްކުރާ މަރުކަޒެކެވެ.
މި މަޝްރޫޢުގެ އަގަކީ މުޅި ޖުމްލަ 50.8 މިލިއަން ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!