އިންޖިނޭރުކަމަކީ ޤައުމު ބިނާކުރުމަށާއި އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ ވަރަށް އަގުހުރި ޚިދުމަތެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ މުނާސަބާތުގައި މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި، އިންޖިނޭރުކަމަކީ ހަމައެކަނި ވަޒީފާއެއް ނޫނެވެ. އަދި އެއީ، ޤައުމު ބިނާކުރުމަށާއި އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ ވަރަށް އަގުހުރި ޚިދުމަތެއް ކަމަށް ވިދާޅުވެފަވެއެވެ.
''ޢިލްމާއި ޙިލްމާއި ދުރުވިސްނުމުގެ ބޭނުން ހިފަންޖެހޭ ޚާއްޞަ ހުނަރެއް. ދިވެހީންގެ މުސްތަޤްބަލުގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެއްސުމުގައި، އިންޖިނޭރުންގެ ދައުރު ވަރަށް ބޮޑު.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވަނީ ދިިވެހިރާއްޖޭގައި ފާހަގަކުރާ ފުރަތަމަ އިންޖިނޭރުންގެ ދުވަހުގެ ތަހުނިޔާ އެކި ދާއިރާތަކުގަައި މަސައްކަތް ކުރެއްވި އަދި ކުރައްވާ ހީވާގި ދިވެހި އިންޖިނޭރުންނަށް ފޮނުއްވާފައެވެ.
ރާއްޖޭގައި ޤައުމީ ފެންވަރުގައި އިންޖިނޭރުންގެ ދުވަހެއް ފާހަގަކުރަން ނިންމަވައި، އޯގަސްޓް 30 ވަނަ ދުވަހަކީ ދިިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ކަނޑައެޅުއްވީ ރައީސް މުޢިއްޒުގެ ވެރިކަމުގައި އެމަނިކުފާނެވެ.
މިގޮތުން 15 ޖޫން 2025 ގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ނެރުއްވި ދެންނެވުމެއްގައި ވަނީ މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ހަމަޖައްސަވާފައެވެ. ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30ވަނަ ދުވަސް ރައީސް ހަމަޖެއްސެވީ، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ އެދުވަހަކީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަސް ކަމުގައި ވާތީއެވެ.
ސިނަމާލެ ބްރިޖުގެ މަސައްކަތް ކޮށްފައި ވަނީ ރައީސް މުޢިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. މިއަދަކީ އެ ބްރިޖަށް 7 އަހަރު ފުރޭ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!