އަންނަ މަހު ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް އެ ގައުމަށް އެތެރެވުމަށް ހުއްދަނުދޭނެކަމަށް އެމެރިކާގެ ސަރުކާރުން ހުކުރު ދުވަހު ބުނެފިއެވެ.
މި ބައްދަލުވުމުގައި އެމެރިކާގެ ބައެއް އެކުވެރި ޤައުމުތަކުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ވަނީ އެއްބަސްވެފައެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް ވެރިއެއް ބުނި ގޮތުގައި، މި ބައްދަލުވުމަށް ދަތުރުކުރަން ހަމަޖެހިފައިވާ ރައީސް އައްބާސްގެ އިތުރުން ފަލަސްތީނުގެ އިތުރު 80 އޮފިޝަލުންނަށް ވެސް މި ނިންމުމުގެ ސަބަބުން އަސަރުކުރާނެއެވެ. އެގޮތުން ފަލަސްތީނު ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އާއި ވެސްޓް ބޭންކުގައި ހިންގާ ފަލަސްތީނު އޮތޯރިޓީގެ މެމްބަރުންގެ ވިސާ ދޫނުކުރުމާއި ކުރިން ދޫކޮށްފައިވާ ވިސާތައް ބާޠިލުކުރަން އެމެރިކާއިން ވަނީ ނިންމާފައެވެ.
އައްބާސް ވަނީ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބާއްވާ އދ. ގެ މަތީ ފެންވަރުގެ އަހަރީ ބައްދަލުވުމަށް ވަޑައިގަތުމަށް ނިންމަވާފައެވެ. އޭގެ އިތުރުން އޭނާ ވަނީ އެތަނުގައި ފްރާންސްއާއި ސައޫދީ އަރަބިއްޔާއިން ހޯސްޓްކުރާ ސަމިޓެއްގައި ބައިވެރިވުމަށްވެސް ނިންމަވާފައެވެ. މި ސަމިޓުގައި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، އޮސްޓްރޭލިއާ އަދި ކެނެޑާއިން ވަނީ ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުމަށް އެއްބަސްވެފައެވެ.
އައްބާސްގެ އޮފީހުން ބުނި ގޮތުގައި އެމެރިކާއިން ވިސާ ނުދިނުމަށް ނިންމުމާ މެދު ވަނީ ހައިރާންވެފައެވެ. އަދި މިއީ އދ. ގެ "ހެޑްކުއާޓަރސް އެގްރީމަންޓް" އާ ޚިލާފު ކަމެއް ކަމަށް ބުނެފަވެއެވެ.
1947 ވަނަ އަހަރު އދ. އިން ހެދި "ހެޑްކުއާޓަރސް އެގްރީމަންޓް" ގެ ދަށުން، އެމެރިކާއިން ވަނީ ނިއުޔޯކުގައި ހުންނަ އދ. އަށް ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުންނަށް އާންމު ގޮތެއްގައި ވަދެ ނިކުމެ އުޅުމުގެ ހުއްދަ ދޭންޖެހޭނެ ކަމަށް ބުނެފައެވެ. ނަމަވެސް، އެމެރިކާއިން ބުނެފައިވަނީ ސަލާމަތީ، ހަރުކަށި ފިކުރު އަދި ޚާރިޖީ ސިޔާސަތާ ގުޅޭ ސަބަބުތަކަށްޓަކައި ވިސާ ދިނުމަށް އިންކާރު ކުރެވިދާނެ ކަމަށެވެ.
އެމެރިކާގެ ސްޓޭޓްޑިޕާޓްމަންޓުން ހުކުރު ދުވަހު މި ނިންމުން ޖަސްޓިފައި ކުރުމުގެ ގޮތުން ބުނެފައިވަނީ، ފަލަސްތީނު އޮތޯރިޓީ އާއި ޕީއެލްއޯ އިން ހަރުކަށި ފިކުރު ކުށްވެރި ނުކުރާ ކަމަށެވެ. އަދި އެ ޑިޕާޓްމަންޓުން ވަނީ ފަލަސްތީނު ދައުލަތެއް "އެއްފަރާތުން" ބަލައިގަތުމަށް މަސައްކަތް ކުރާ ކަމަށް އެމެރިކާ އާއި އިޒްރޭލުން ކުރާ ދިގު މުއްދަތުގެ ތުހުމަތުތައް ތަކުރާރުކޮށްފައެވެ.
މި ތުހުމަތުތައް ދޮގުކޮށް ފަލަސްތީނުގެ އޮފިޝަލުން ބުނެފައި ވަނީ އެމެރިކާގެ މެދުވެރިކަމުގައި ކުރެވުނު އެތައް އަހަރެއްގެ މަޝްވަރާތަކުން އިޒްރޭލުގެ އޮކިއުޕޭޝަން ނިމުމަކަށް ގެނެސް މިނިވަން ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ވަނީ ނުކުޅެދިފައި ކަމަށެވެ.
"ޕީއެލްއޯ އާއި ފަލަސްތީނު އޮތޯރިޓީން އެ ފަރާތްތަކުގެ އެއްބަސްވުންތަކާ އެއްގޮތަށް އަމަލު ނުކުރުމާއި، ސުލްހައަށް އޮތް ފުރުސަތުތައް ނައްތާލުމުގެ ސަބަބުން އެ ފަރާތްތައް ޖަވާބުދާރީ ކުރުވުމަކީ އަޅުގަނޑުމެންގެ ޤައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް،" ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
ސްޓޭޓް ޑިޕާޓްމަންޓުން އިތުރަށް ބުނެފައިވަނީ، އދ. އަށް ފޮނުވާފައިވާ ފަލަސްތީނު އޮތޯރިޓީގެ މިޝަންގެ މެމްބަރުންނަށް، އެބައި މީހުންނަކީ ދާއިމީކޮށް އެތަނުގައި ތިބޭ އޮފިޝަލުން ކަމަށްވާތީ، އެމީހުންގެ މައްޗަށް މި ފިޔަވަޅުތައް ނުހިނގާނެ ކަމަށެވެ.
އދ. ގެ ސްޕޯކްސްޕަރސަން ސްޓެފާން ޑުޖާރިކް ބުނެފައިވަނީ، އދ. އާއި އެމެރިކާއާ ދެމެދު ވެފައިވާ "ހެޑްކުއާޓަރސް އެގްރީމަންޓް" އާ އެއްގޮތަށް، އދ. އިން މި ވިސާގެ މައްސަލާގައި ސްޓޭޓް ޑިޕާޓްމަންޓާއެކު މަޝްވަރާކުރާނެ ކަމަށެވެ.
އެމެރިކާއިން 1988 ވަނަ އަހަރުވެސް ވަނީ ޕީއެލްއޯގެ ލީޑަރު ޔާސިރު އަރަފާތަށް ވިސާ ދިނުމަށް އިންކާރުކޮށްފައެވެ. އެއީ އެ އަހަރު އދ. ގެ ޖެނެރަލް އެސެމްބްލީ ބޭއްވީ ނިއުޔޯކުގެ ބަދަލުގައި ޖެނީވާގައި، އަރަފާތަށް އެ ބައްދަލުވުމުގައި ވާހަކަދައްކަވާނެ ފުރުސަތު ނުދިނުމަށެވެ.
އދ. ގެ 193 މެމްބަރު ޤައުމުތަކުގެ ތެރެއިން މަދުވެގެން 147 ޤައުމުން ވަނީ ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައެވެ. މިވަގުތު ފަލަސްތީނަށް އދ. ގައި އޮބްޒާވަރ ސްޓޭޓަސް ލިބިފައިވާއިރު، މިއީ ވެޓިކަން ސިޓީއަށްވެސް ލިބިފައިވާ ދަރަޖައެވެ.
ފަލަސްތީނުގެ ރައްޔިތުން ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރަމުން އަންނަނީ އިޒްރޭލުން އޮކިއުޕައި ކޮށްފައިވާ ވެސްޓް ބޭންކާއި ގާޒާގައި، އީސްޓް ޖެރޫސަލަމް އެތަނުގެ ވެރިކަން ކުރާ ރަށް ކަމުގައި، ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށެވެ. އެމެރިކާއިން ބުނެފައިވަނީ ފަލަސްތީނު ދައުލަތެއް ޤާއިމުކުރެވޭނީ ހަމައެކަނި އިޒްރޭލާއި ފަލަސްތީނުގެ މެދުގައި ސީދާ މަޝްވަރާތަކެއް ކުރެވިގެން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!