ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއެރުވައި ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފައިދާތައް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި ތައާރަފް ކޮށްފައިވާ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމްގެޕް) ގެ ސެޓިފައިޑް ދަނޑުވެރިން ތިބި ފުރަތަމަ ރަށަކަށް ށ. ގޮއިދޫ ވެއްޖެއެވެ.

އެމްގެޕް، ސެޓްފިކެޓް ހާސިލްކުރި ދަނޑުވެރިންނަށް ސެޓްފިކްޓް ހަވާލުކުރުމަށް ގޮއިދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު މަރިޔަމް މާރިޔާއެވެ. އެ ރަސްމިއްޔާތުގައި އެމްގެޕް ސެޓްފިކެޓް ހާސިލްކުރި ދިހަ ދަނޑުވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

Ad
rt

ގޮއިދޫގެ ދަނޑުތައް، ފޮޓޯ: ޔޫއެންޑީޕީ

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ އެމްގެޕް ސެޓްފިކެޓް ހާސިލްކުރުމާއެކު ގޮއިދޫ ވެގެންދާނީ އެރަށުގައި ހައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ވެށްޓެއް ބިނާކުރުމުގައި ނަމޫނާ މިސާލަކަށްކަމަށެވެ.

ގޮއިދޫގެ ދަނޑުވެރިއެއް، ފޮޓޯ: ޔޫއެންޑީޕީ

އެމްގެޕް ސެޓިފައިކުރެވިފައިވާ އުފެއްދުންތައް ކުރިއެރުވުމުގެ ސަބަބުން، ދިވެހިންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންނާއި އަންހެނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމާއި، އިމްޕޯޓަށް ބަރޯސާވުން މަދުކޮށް، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމުތައް ގާއިމް ކުރުމަކީ އަމާޒެއް ކަމަށެވެ.

ގޮއިދޫގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ވަޒީރު ބައްލަވާލައްވަނީ، ފޮޓޯ: ވަޒީރު މާރިޔާ

ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދިވެހި ދަނޑުވެރިން ހައްދާތަކެތި ބޭރުގެ މާކެޓްތަކުގައި ވިއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ގޮއިދޫގެ ދަނޑުވެރިއެއް، ފޮޓޯ: ޔޫއެންޑީޕީ

ވަޒީރު ވިދާޅުވީ ގޮއިދޫގެ ދަނޑުވެރިން ހޯދި ސެޓިފިކޭޝަން ވެގެންދާނީ ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރުވައި، ޒުވާނުން މި ދާއިރާއަށް ނުކުތުމަށް ހިތްވަރު ލިބޭނެކަމެއްކަމަށެވެ.