ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނޫސްވެރިންނާއި ގުޅުވައިގެން ދެއްކެވި ވާހަކައާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަ ތަހްގީގްކުރުމާމެދު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ލަފައަކަށް އެދިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުންނެވެ.
ފަލާހު ނޫސްވެރިންނާއި ގުޅުވައިގެން މިވާހަކަ ދެއްކެވީ މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި، ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގެ ބަހުސްގައި 27 އޯގަސްޓް 2025 ދުވަހު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ދުވަހު ފަލާހް ދެއްކެވި ވާހަކާގައި ވިދާޅުވެފައި ވަނީ އޭނާ އަކީ މީޑިއާގައި މަސައްކަތް ކުރާ ބޭފުޅުން ނުހައްގުން ލިޔާ އެކިއެކި މަޖައްލާތަކުގެ ސަބަބުން ވަރަށް ނިކަމެތިކަމެއް ދިމާވެފައި ހުރި މީހެއް ކަމަށެވެ. މިގޮތުން އޭނާ އަކީ އެއް ޖިންސުން ގުޅުން ހިންގާ މީހަކަށް ހަދާފައި ހުރި މީހެއް ކަމަށާއި، އެވާހަކަ ދަންނަވަނީ ވަރަށް އަސަރާއެކުގައި ކަމަށް އޭނާ އެދުވަހު ވިދާޅުވިއެވެ.
"އަޅުގަނޑާ ވައްތަރު މީހެއްގެ ފޮޓޯ ޖަހައިގެން، އަޅުގަނޑަކީ އެއް ޖިންސުން [ގުޅުން ހިންގާ މީހަކަށް ހަދައިގެން]. އަޅުގަނޑުގެ ތިބޭ އަނބިދަރިން ވެސް. ބޮޑެތި ވެފައި ތިބި ދަރިން އެބަ ތިބި. ކުޑަ ދަރިން އެބަ ތިބި، މި ލެވެލްގައި މަސައްކަތް ކުރީމަ މީޑިއާތައް ގެންގޮސް ޖަލަކަށް ނޫން، އުލުބައިންދަންވީ. އުލު، ސީދާ ބައިންދަންވީ. އެގޮތަށް މަސައްކަތް ކުރާ ބޭފުޅުން." ފަލާހް އެދުވަހު ވިދާޅުވެފަވެއެވެ.
ފަލާހްގެ ވާހަކާގައި ބޭނުންކުރެއްވި ''އުލުބައިންދަންވީ'' އިބާރާތާއި ގުޅިގެން ފަލާހްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އަޅައިދޭން އެދިފައިވާކަން ހާމަކޮށް އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާވެރިނުވުން ހިމެނޭއިރު، ފަލާހް ދެއްކެވި ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ކަމަށާއި، އެކަމަކީ ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނަށް އެކަމުގެ ސަބަބުން ބިރުވެރިކަމުގެ ތެރެއަށް ވެއްޓޭ ކަމަށެވެ. އަދި އެއީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަށް ގައުމު ވެއްޓިގެން ހިނގައިދާނެ ފަދަ ވާހަކަތަކެއް ކަމަށެވެ.
އެމްޖޭއޭއިން ހުށަހަޅާފައިވާ މި މައްސަލައާއި ގުޅިގެން ޕީޖީގެ ގާނޫނީ ލަފަޔަކަށް އެދިފައިވާކަމަށް ފުލުހުން ބުނީ މިރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ.
''ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ތަޅުމުގައި ދައްކާފައިވާ ވާހަކައަކާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި، ދިވެހި ފުލުހުންގެ ޚިދުމަތުން 2025 އޮގަސްޓު 28 ވަނަ ދުވަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ހުށަހަޅާފައި'' ފުލުހުން މެސެޖުގައި ބުނެފަވެއެވެ.
މި މައްސަލާގައި ފުލުހުން ޕީޖީގެ ލަފަޔަކަށް އެދިފައިވާއިރު ޤާނޫނުއަސާސީގެ 90ވަނަ މާއްދާގެ (ހ)ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެމަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފް ނުވާގޮތުގެމަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓް ދިނުމުގައި ޢަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަޙުޤީޤެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދަޢުވާއެއްކޮށް ހަދައިގެނެއް ނުވާނެކަމަށް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!