ކަނޑައަޅާފައިވާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން އަންނަ ނޮވެމްބަރު މަހު، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިޓީގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ.

Ad
rt

ކުޅުދުއްފުށީގައި މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ހޯދަމުންދިޔަކަން ފާހަގަކުރައްވައި، އެކަމާ ގުޅުންހުރި ޤަވާއިދުތައް މުރާޖާ ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަށިމިޔަރު މަސްވެރިކަމަށް މަސްވެރީން ތައްޔާރުވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

މި ޖަލްސާގައި ރައީސް ވަނީ ކުޅުދުއްފުށީގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން، އެއަރޕޯޓާ އިންވެގެން އޮންނަ ސަރަޙައްދުގައި ސިޓީ ހޮޓާ އެޅުމުގެ މަސައްކަތް އިންވެސްޓަރުންނަށް ހުޅުވާލައި، އިކޯ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ކޭލަކުނު ތަރައްޤީކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ކުޅުދުއްފުށީގެ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ވަނީ ފައްޓަވާފައެވެ. އެގޮތުން، ވިޔަފާރި ބަނދަރު ބޮޑުކުރުމާއި ބޮންޑަޑް ޒޯން ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލްގެ ބިންގާ އަޅުއްވައި، ބީއެމްއެލް ބިޒްނަސް ސެންޓަރެއްގެ މަސައްކަތްވެސް ވަނީ ފައްޓަވާފައެވެ.

މީގެއިތުރުން، ކުޅުދުއްފުށީގައި ކުނި މެނޭޖުކުރާ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތާއި، މަގުތައް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްވެސް ވަނީ ފައްޓަވާފައެވެ. އަދި އަންނަ އަހަރު އިސްލާމީ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް ފެއްޓޭނެ ކަމަށްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.