ކުޅުދުއްފުށީ ސިޓީގައި 2000 ހައުސިންގ ޔުނިޓު އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްފިއެވެ.
އެގޮތުން ރޭ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހުއްޓިފައި ހުރި 400 ހައުސިންގ ޔުނިޓުގެ މަސައްކަތާއި އަލަށް ކުޅުދުއްފުށީގައި ތަރައްޤީކުރާ 2000 ހައުސިންގ ޔުނިޓުގެ މަސައްކަތްވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއި ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، ޙަސަން ރަޝީދެވެ. އަދިި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހެއިރެވެ.
މި މަޝްރޫޢާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ޢިއުލާންކުރައްވާފައިވާ 2000 ހައުސިންގެ ތެރެއިން 700 ޔުނިޓު ތަރައްޤީކުރާނީ އަމިއްލަ ގޯތީގައި ގެދޮރު ތަރައްޤީކޮށްދޭނެ ފަދަ ސްކީމެއްކަމަށާއި، ބާކީ 1300 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްގެންދާނީ ޕަބްލިކް ހައުސިންގެ ތެރެއިންކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ މިއަހަރުގެ ތެރޭގައި 700 ހައުސިންގއަށް ކުރިމަތިލާން އެދޭ ފަރާތްތައް ދެނެގަނެ އެކަން އިމާރާތްކުރުމާއި ބެހޭ ވުޒާރާއާއި އެޗްޑީސީއާއި ހިއްސާކޮށް ގުޅިގެން މަސައްކަތް ބާރަށް ކުރިއަށް ގެންދިޔުމަށްވަނީ އެދިވަޑައިގަންނަވާފައެވެ.
ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ކަމަަށްވާ ޓުވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއި ހަވާލުކޮށްގެން ކުޅުދުއްފުށި ސިޓީގައި 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ މެއި މަހުގެތެރޭގައެވެ. މި މަސައްކަތްވަނީ މިހާރު ވަކި ހިސާބަކުން ހުއްޓިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!