ހދ. ނޮޅިވަރަން ދަނޑުބިންތަކުން ރަށު ކައުންސިލަށް ފީ ނުނެންގެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިކަމަށް އިލްތިމާސްކުރެއްވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މިގޮތުން ރައީސް ވިދާޅުވީ، ނޮޅިވަރަމަކީ ދަނޑުވެރި ރަށެއް ކަމަށާއި، އެ ރަށުގެ ވަކި ވަކި އާއިލާތަކަށް އެންމެ ބޮޑު ނަފާ ލިބޭ މަސައްކަތަކީ ދަނޑުވެރިކަން ކަމަށް ވާހިނދު، ކައުންސިލުން ދަނޑުބިންތަކަށް ފީ ނުނަގާ ނަމަ، ދަނޑުވެރި އާއިލާތަކަށާއި ރަށަށް ލިބޭ ނަފާ އިތުރުވެގެންދާނެ ކަމަށެވެ.

"މިއީ ސަރުކާރުން ކައުންސިލުގެ ކިބައިން އެދޭ އެދުމެއް" ރައީސް ވިދާޅުވިއެވެ.

މިކަން ކުރަން ކައުންސިލަށް ބޭނުންވާ ހުއްދަތަކާއި އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ އަރުވާފައެވެ.

މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ ނޮޅިވަރަމްގައި ހިންގަން ނިންމާފައިވާ ގިނަ މަޝްރޫޢުތަކެއްގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ. މީގެ ތެރޭގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ސަޕްލައިކުރާނެ ފިހާރައެއް ޤާއިމުކުރުމުގެ މަޝްރޫޢާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި، މަގުހެދުމުގެ މަޝްރޫޢު ހިމެނެއެވެ.

ނޮޅިވަރަމަކީ ރައީސްގެ ހދ. ދަތުރުފުޅުގައި ވަޑައިގެންނެވި ހަ ވަނަ މަންޒިިލެވެ. އަދި މިއަދުގެ ތިން ވަނަ މަންޒިލެވެ.