ހދ. ނެއްލައިދޫ ބަނދަރުގައި ޖެޓީއެއް ހެދުމާއި، އެރަށު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

މިމަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ހދ އަތޮޅަށް ކުރަމުންދާ ދަތުރުފުޅުގައި، ނެއްލައިދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.

Ad
rt

އެމްޓީސީސީ އާއި ހަވާލުކުރެވުނު މި އެއްބަސްވުމުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.

ނެއްލައިދޫ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، 3086 މީޓަރުގެ ދިގު މަގެއްގައި، 15،265 މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމްކުރުމާއި، 3،406 މީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާޢިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

58.19 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 720 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.

މީގެ އިތުރުން މިއަދު ހަވާލުކުރެވުނު ނެއްލައިދޫ ބަނދަރުގައި ޖެޓީއެއް ހެދުމުގެ މަޝްރޫޢުގެ ދަށުން، 1.5 މީޓަރު ފުޅާ ޖެޓީއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫޢު އަކީ 6.94 މިލިޔަން ރުފިޔާއަށް، 180 ދުވަސްތެރޭ ނިންމާގޮތަށް ހަވާލުކުރެވުނު މަޝްރޫޢެކެވެ.