ހދ. ހަނިމާދޫ ސްކޫލްގެ ކުރީގެ އިމާރާތް މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ބަދަލުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތިން ވަނަ މަންޒިލްގެ ގޮތުގައި ރޭ ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

1993 ވަނަ އަހަރުން ފެށިގެން 2016 އާއި ހަމައަށް ހަނިމާދޫގައި ތައުލީމް ފޯރުކޮށްދިން ސްކޫލް މިހާރު ބޭނުން ކުރަމުން އަންނަނީ އެމްއެންޑީއެފުންނެވެ. އެތަން އެމްއެންޑީއެފަށް ދިނީ ހަނިމާދޫ އެއާޕޯޓް ޑިވެލޮޕްމެންޓް މަޝްރޫޢޫގެ ދަށުން އެއާޕޯޓް ސަރަހައްދުގައި އެމްއެންޑީއެފުން ގާއިމުވެ ތިބި އިމާރާތް ހުސްކުރަން ޖެހުމުންނެވެ. އެމްއެންޑީއެފުން އެތަނަށް ބަދަލުވުމުގެ ކުރިން ކުރީގެ ސަރުކާރުން އިސްލާމިކް ޔުނިވާސިޓީގެ ގޮތްޕެއްގެ ގޮތުގައި ވެސް ދުވަސްކޮޅަކު އެތަން ބޭނުންކުރިއެވެ.

ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މިހާރު މަސައްކަތް ނިމެމުންދާ އެމްއެންޑީއެފް އާއި އިމާރާތް ނިމުމުން އެތަނަށް އެމްއެންޑީއެފް ބަދަލުކުރެވުމުން މިހާރު އެމްއެންޑީއެފުން ބޭނުންކުރަމުން އަންނަ ހަނިމާދޫ ސްކޫލްގެ ބާ އިމާރާތުގައި މަތީ ތައުލީމުގެ މަސައްކަތް ފެއްޓެވުމަށް ނިންމަވާފައިވާ ކަމަށެވެ.

''މިހާރު އެމްއެންޑީއެފާއި ހަވާލުކޮށްފައިވާ (ކުރީގެ ސްކޫލް) އިމާރާތް، މިހާރު އަލަށް އަޅައި ނިމިގެންދާ (އެމްއެންޑީއެފް) އިމާރާތް އެމްއެންޑީއެފާއި ހަވާލުކުރެވިގެންދާނެ އެއާޕޯޓް މަޝްރޫޢުއާއިއެކީގައި، ނިމިގެންދާއިރު އެތަނުގެ (އެމްއެންޑީއެފް އާ އިމާރާތު) ވަށާފާރު އަޅުގަނޑުމެން ސަރުކާރުން އެ ޕްރޮޖެކްޓްގެ އިތުރުން ހިންގާ މަޝްރޫޢުއެއްގެ ގޮތުގައިލެވި، އެމްއެންޑީއެފް ދާއިމީކޮށް ރީ-ލޮކޭޓް ވެގެންދާނެ، ދިޔުމުން ބާ އިމާރާތް، މިހާރު އެމްއެންޑީއެފަށް ދެވިފައިވާ އިމާރާތް އަލުން ހުސްކުރެވި، އެތަން ވެސް އެއީ ތައުލީމީ ގޮތުން ބޭނުން ކުރެވޭ، މާނައަކީ މަތީ ތައުލީމަށް ހާއްސަކޮށްގެން މަސައްކަތްކުރެވޭނެ ތަނަކަށް ހަދަން އަޅުގަނޑުމެން ގަސްދުކުރަން، އެކަން އެގޮތަށް ގެންދެވޭނެކަމުގެ ޔަގީންކަން އަޅުގަނޑު ތި ބޭފުޅުންނަށް އަރުވަން'' ރައީސް ވިދާޅުވެފަވެއެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ ހަނިމާދޫ ސްކޫލްގައި އައު އިމާރާތެއް އަޅައި، އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން 8 ކްލާސްރޫމާއި، ސައިންސްލެބާއި، ލައިބްރަރީ އަދި ސްޓާފް ރޫމް ހިމެނޭހެން ވަސީލަތްތައް ތަރައްގީކުރަން ވަނީ ހަމަޖެހިފައެވެ.

ހަނިމާދޫގައި މިހާރު ބޭނުންކުރަމުންދާ ސްކޫލަކީ 2016 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ސްކޫލެކެވެ. އެ ސްކޫލްގައި ތިރީހަކަށް ކްލާސްރޫމް ހުރެއެވެ.