ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު ލަސްވެގެން އަންނަ ނޮވެމްބަރާއި ހަމައަށް ނިންމައި، ނޮވެމްބަރުމަހު އެއާޕޯޓް ފުރިހަމައަށް ބޭނުންކުރެވޭގޮތް ހެދުމަކީ އަމާޒުކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިރޭ ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ހަނިމާދޫގައި އެންމެ މުހިންމުކަމަށް އޮތީ އެއާޕޯޓް ކަމަށެވެ. އަދި އެއާޕޯޓަކީ އެންމެ ގިނަދުވަސްވީ އެއާޕޯޓް ކަމަށާއި، އަދި ތަރައްގީ ކުރުމުގައި ވެސް އެންމެ ގިނަ ދުވަސްވީ އެއާޕޯޓް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދުވެލި އަވަސްކޮށްދެއްވާނެކަމަށް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވަނީ ވައުދުވަޑައިގެންފައެވެ. އަދި އެ މަސައްކަތް މިހާރު ކުރިއަށް އެދަނީ އެ ވިދާޅުވިގޮތަށް ހަލުވި ބާރުމިނުގައި ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރެވެމުން ދަނީ ވަރަށް ބޮޑަށް އެކްސްޕެންޑް ކުރެވި، ވަރަށް ޒަމާނީ އެއާޕޯޓެއްގެ ގޮތުގައި ކަމަށެވެ.

''ކުރިއަށްވުރެ ވެސް ސްޕީޑް ހަލުވިކޮށް އެދަނީ، މިދާ ސްޕީޑްގައި އަޅުގަނޑުމެން ވަރަށް އަވަހަށް ނިންމާނަން، އަޅުގަނޑުމެންގެ އަމާޒަކީ އެންމެ ލަސްވެގެން ލަސްވެގެން ނޮވެމްބަރު އެއާޕޯޓު ފުރިހަމައަށް ބޭނުންކުރެވޭ ގޮތަށް ނިންމާ ހުޅުވުން'' ރައީސް ވިދާޅުވިއެވެ.

އެ އާޕޯޓް ފުރިހަމަކޮށް ހުޅުވިގެންދާއިރު، އެ އާޕޯޓުން ބޭރަށް ފުރާ މީހުންނަށް ވީއައިއޭ އިން ފުރާ މީހުންނަށް ލިބޭގޮތަށް ބޭންކް ރޭޓުގައި ޑޮލަރު ގަންނަން ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރަށުގެ ލޯކަލް ޓޫރިޒަމަށްވެސް މަގު ފަހިވާނޭ ބީދައިން، އެއަރޕޯޓުން ބޭރުގައިވެސް ޑޮލަރު އޭޓީއެމެއް ބަހައްޓައިދެއްވާނޭކަމަށާއި، ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ރުފިޔާ އޭ.ޓީ.އެމްތައްވެސް ހަނިމާދޫގައި ބެހެއްޓުމުގެ ތައްޔާރީތައް ވަމުންދާކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. އަދި ހަނިމާދޫ ކައުންސިލުން ޖާގަ ހަމަޖައްސަވައިދެއްވުމާއެކު، އެއާޕޯޓު ހުޅުވެން ވާއިރަށް، އެރަށުގައި ޕާސްޕޯޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތްވެސް ޤާއިމުކޮށްދެއްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ހަނިމާދޫ އަކީ ރައީސްގެ ހދ. ދަތުރުފުޅުގެ ތިން ވަނަ މަންޒިލެވެ.