އއ. އަތޮޅުގެ ވެރިރަށް ރަސްދޫގައި ހުންނަ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަސްދޫއަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޑަޔަލިސިސް ސެންޓަރެއް ޤާއިމްކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށްވާއިރު، މި ޚިދުމަތް އއ. އަތޮޅުގައި ޤާއިމްކުރެވުމާއެކު އިތުރު އަތޮޅަކަށް މި ޚިދުމަތް ވަނީ ފުޅާކުރެވިފައެވެ.
މީގެ އިތުރުން ރައީސްގެ ރަސްދޫ ޒިޔާރަތުގެ ތެރެއިން އއ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ ވެސް އިއްޔެ ވަނީ އަޅާފައެވެ. އއ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.
މި އިމާރާތް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫޢުގެ ދަށުން 50 އެނދުގެ ހޮސްޕިޓަލެއް އެރަށުގައި އަޅާނެއެވެ.
މީގެއިތުރުން، ރަސްދޫގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތްކުރުމާ ގުޅޭ އެއްބަސްވުމުގައި ވެސް ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވަނީ ސޮއިކޮށްފައެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އިން މި މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!