އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤްވާމީ މުބާރާތް، "ތޮއްޑޫ މާސްޓަރސް ޓޭބަލްޓެނިސް މުބާރާތް" ފެށުމުގެ ރަސްމިއްޔާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ރައީސް ޝަރަފްވެރިކޮށްދެއްވީ އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތޮއްޑޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

Ad
rt

މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ތޮއްޑޫ ސްކޫލްގެ ދަރިވަރުން ވަނީ ޚާއްޞަ ސަގާފީ އައިޓަމެއް ހުށަހަޅައިދީފައެވެ. އަދި މުބާރާތް އިންތިޒާމުކުރުމުގައި އެހީތެރިވެދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކޮށްފައި ވެއެވެ.

މީގެ އިތުރުން ޝުކުރުގެ ޚާއްޞަ އެވޯޑެއް އެމްބެސެޑަރ އަޙްމަދު ލަތީފަށް ވަނީ އަރުވާފައެވެ.

މި މުބާރާތަކީ ތޮއްޑޫގައި މިފަދަ ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތެއް ބޭއްވޭ ފުރަތަމަ ފަހަރެވެ. މުބާރާތުގައި ޤައުމީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ވަނަތައް ހޯދާފައިވާ ގިނަ ކުޅުންތެރިން ބައިވެރިވެ، އެ ކުޅުންތެރިންގެ މޮޅު ކުޅުން ބައިވެރިވެއެވެ.

ތޮއްޑޫ އަކީ އއ. އަތޮޅަށް ރައީސް އަންގާރަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ވަޑަައިގެންނެވި ފަސް ވަނަ މަންޒިލެވެ. އަދި މިއަދުގެ ދެވަނަ މަންޒިލެވެ.