އއ.ހިމަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އާއި އެ އަތޮޅޫ ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
ހިމަންދޫ ބަނދަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރީ، ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ޢަބްދުލް ރަޙުމާން ޔޫސުފެވެ. އަދި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށީގެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ.
27.51 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 390 ދުވަހުގެ ތެރޭގައި 29,125.29 ކިއުބިކް މީޓަރުގެ ފަޅު ފުންކުރުމާއި، 168 މީޓަރުގެ ހިލަ ނެރު އަދި 104 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމުގެ އިތުރުން، 16 މީޓަރުގެ އެއްގަމު ތޮށްޓަކާއި 58 މީޓަރުގެ ޖެޓީއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. 910 މީހުންގެ އާބާދީއެއް ދިރިއުޅޭ ހިމަންދޫގެ ބަނދަރު ތަރައްޤީކުރެވުމުން، ހުޅަނގު މޫސުމުގައި ބަނދަރު ބޭނުންކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ. މި މަޝްރޫޢު ހަވާލުކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
2003 ވަނަ އަހަރުން ފެށިގެން ޚިދުމަތްދެމުން އަންނަ ފެރިދޫ ސިއްޙީ މަރުކަޒުން ދުވާލަކު 16 ގަޑިއިރު ޚިދުމަތް ފޯރުކޮށްދެމުން ދެއެވެ. އަދި އެވްރެޖްކޮށް އަހަރަކު 4000 އަށްވުރެ ގިނަ މީހުން މި މަރުކަޒުން ޚިދުމަތް ހޯދައެވެ.
2023 ވަނަ އަހަރު ތެރޭގައި މި މަރުކަޒަށް އައު އިމާރާތެއްވެސް އިތުރުކުރެވިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!