ހެޔޮއެދޭ ފަރާތަކުން ށ.ގޮއިދޫގައި ބިނާކުރާ އައު މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. ގޮއިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ރަށު ކައުންސިލްގެ ރައީސް އިބްރާހީމް ޝާހިދުއެވެ.
ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި އަދި ލައިބްރަރީ ހިމެނޭހެން އިމާރާތް ކުރާ މި މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދުވަސްތެރޭ ނިންމާގޮތަށެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ އެ އަތޮޅު އުނގޫދޫގައި ޤުރުއާނާ ބެހޭ ސެންޓަރެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
240 ދުވަހުގެ ތެރޭ ނިންމަންޖެހޭ މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 4 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
އިސްލާމިކް މިނިސްޓްރީން މި މަހުގެ ތެރޭގައި ވެސް އިތުރު މިސްކިތްތަކާއި ގުރުއާނާބެހޭ މަރުކަޒުތަކުގެ މަސައްކަތް އެކި ކުންފުނިތަކާއި ހަވާލުކޮށްފައިވާއިރު، ބައެއް ތަންތަނުގެ އަމަލީ މަސައްކަތް ވެސް މި މަހުގެ ތެރޭގައި ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!