ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ''މާ މަކުނުދޫ ފުޓްސަލް ޗެލެންޖް 2025''ގެ ގުރުއަތުލައިފިއެވެ.

މި މުބާރާތުގެ ގުރުއަތުލުން މަކުނުދޫ ކައުންސިލް އިދާރާގައި މިއަދު ބާއްވާފައިވާއިރު، މި މުބާރާތަކީ ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

Ad
rt

މަކުނުދޫ ކައުންސިލުން މުޅި މަކުނުދޫއަށް ހުޅުވާލައިގެން އަހަރަކު އެއްފަހަރު ކުރިއަށް ގެންދާ މި ފުޓްސަލް މުބާރާތުގެ މިއަހަރުގެ މުބާރާތް ފަށަން ނިންމާފައި ވަނީ 24 އޯގަސްޓް 2025 ގައި އަންހެން ޑިވިޒަންގެ ހޭޅި ލޭޑީސް އާއި ހޭޅި ބައްދަލުކުރާ މެޗުންނެވެ. އަދި މި މުބާރާތުގެ ދެ ޑިވިޒަންގެ ގްރޫޕް ސްޓޭޖްގެ މެޗުތައް 28 އޯގަސްޓް 2025 އާއި ހަމައަށް ކުރިއަށްދާނެއެވެ.

މި މުބާރާތުގެ ފައިނަލަށް ދާނީ ގްރޫޕް ސްޓޭޖްގައި އެންމެ ގިނައިން ޕޮއިންޓް ލިބޭ ދެޓީމެވެ.

މި މިބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީގެ އިތުރުން ގޯލްޑް މެޑެއްޔާއި މަދުވެގެން 25 ހާސް ދިވެހި ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މުބާރާތުގެ ރަނަރަޕް ޓީމަށް ސިލްވަރ މެޑެއްޔާއި، ޓްރޮފީއާއި އަދި މަދުވެގެން 15 ހާސް ދިވެހި ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތުގައި ހޮވާ ވަނަތަކުގެ ތެރޭގައި މުބާރާތުގެ ފެއާރ ޕްލޭ ޓީމާއި، މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާ އާއި މުޅި މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ އާއި، މުޅި މުބާރާތުގެ މޮޅު 5 ކުޅުންތެރިންނާއި، މުޅި މުބާރާތުގެ ފާހަގަކުރެވުނު އެއްމެ މޮޅު ކޯޗާއި އަދި ހުރިހާމެޗެއްގެ މޭން އޮފްދި މެޗް ހިމެނެއެވެ.

މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ރަށު ފެންވަރުގެ ބޮޑުމުބާރާތެއް ހިންގައި ފުޓްސަލް ފޯރިގަދަކުރުމާއި، ރަށުފެންވަރުގައި ޓީމް ތަމްސީލްކޮށް، އަތޮޅު ފެންވަރުގައާއ،ި ޒޯން ފެންވަރުގައ،ި އަދި ޤައުމީ ފެންވަރުގައި ހުނަރު ދައްކާލެވޭނެ މެޗްތަކެއް ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، ގައުމީ ރޫޙް އާލާކުރުމާއ،ި އެއްބައިވަންތަ ޖީލެއް ބިނާކުރުމާއި ގުޅުންބަދަހިކުރުމެވެ.