މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުންނެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން މި ސްކޮލާޝިޕް ޕްރޮގްރާމް ކުރިއަށް ގެންދަނީ ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާ ގުޅިގެންނެވެ.
މި ޕްރޮގްރާމްގެ ދަށުން މާސްޓާސް ޑިގްރީގެ 4 ކޯހަކާއި ބެޗްލާރސް ޑިގްރީގެ 3 ކޯހެއް ހިމެނެއެވެ. އޭގެ ތެރެއިން ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް ސައިންސްގެ ދެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ސްކޮލާޝިޕްތައް ކުރިއަށްދާނީ އޭޝިއާ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަން (އެސް.ޑަބްލިއު.އައި.އޯ.އެފް.ސީ) މެމްބަރު ޤައުމުތަކާއި، އޯގަނައިޒޭޝަން ފޮރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯ.އީ.ސީ.ޑީ) ގެ މެމްބަރު ޤައުމުތަކުގައެވެ.
މި ސްކޮލާޝިޕްތަކުގައި ކިޔެވުމަށް ހޮވޭ ފަރާތްތަކަށް ކޯސް ފީގެ އިތުރުން، ބުކް އެލަވަންސް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް އަހަރަކު އެއްފަހަރު)، އެސްޓަބްލިޝްމަންޓް އެލަވަންސް (އެއްފަހަރު)، ޑިޕާރޗަރ އެލަވަންސް (އެއްފަހަރު) އަދި ސްޓައިޕަންޑް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް) އެލަވަންސް ލިބޭނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާ އިން މަޢުލޫމާތު ދެއެވެ.
މި ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މަސްވެރިކަމާއި ބެހޭ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (ހ. ޕަލްމޭރާ، 3 ވަނަ ފަންގިފިލާ، ސޯސަން މަގު) އަށެވެ. އެޕްލިކޭޝަން އާއިއެކި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެކަމަށް އެ ވުޒާރާއިން ބުންޏެވެ.
އިތުރު މަޢުލޫމާތު ބޭނުންނަމަ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3033484 ފޯނާއި ގުޅުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!