ޕާކިސްތާނުގެނުގެ އެކި ސަރަޙައްދުތަކުގައި ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ހާދިސާއާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު، އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޕާކިސްތާނުގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި، ގެއްލުން ލިބުނު ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ވިދާޅުވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފަވެއެވެ.

Ad
rt

ރައީސް މުޢިއްޒުގެ މެސެޖުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ޕާކިސްތާނުގެ ރައްޔިތުންނާއެކު ކަމަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ބޮޑު ހިތާމައިގައި ބައިވެރިވާ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުއްލިއަކަށް އައި ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ ހުޅަނގު އުތުރުގައި މަދުވެގެން 337 މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންްމަންޓް އޮތޯރިޓީން ބުނެފައިވެއެވެ. އަދި ސަރަޙައްދުގައި ކުއްލި ފެންބޮޑުވުން އައުމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ވަނީ ގެއްލިފައެވެ.

ޕާކިސްތާނުގެ ކިޝްތްވާރު ޑިސްޓްރިކްޓްގެ ޗޯސިޓީ ކިޔާ އެކަހެރި ރަށެއްގައި ކުއްލި ޙާލަތުގެ ޓީމުތަކުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، މި ހާދިސާގައި މަދުވެގެން 60 މީހުން މަރުވެ، 150 މީހުން ޒަޚަމްވެފައިވާ ކަމަށާއި، އޭގެ ތެރެއިން 50 މީހުންގެ ޙާލަތު ވަނީ ނުރައްކާތެރި ދަރަޖައިގައި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އިމަރޖެންސީ ސަރވިސްގެ ތަރުޖަމާނު މުޙައްމަދު ސުހައިލް ވިދާޅުވި ގޮތުގައި، ހައިބަރ ޕަޚްތުންޚްވާ ޕްރޮވިންސްގެ ބުނެރު ސަރަޙައްދުގައި، ހުކުރު ދުވަހު ވެހުނު ބޯ ވާރެއާއި ވިއްސާރައިގެ ސަބަބުން ވަރަށް ބޮޑަށް ފެންބޮޑުވުމާއި ގުޅިގެން، އެތައް ގަޑިއރުތަކެއް ވަންދެން ހޯދުމުގެ މަސައްކަތް ކުރުމަށްފަހު 54 މީހުންގެ ހަށިގަނޑު ފެނިފައިވެއެވެ. އަދި އަދިވެސް ގިނަ އަދަދެއްގެ ރަށްވެހިން ގެއްލިފައިވާ ކަމަށް ސުހައިލް ވިދާޅުވިއެވެ. ހޯދުމުގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ފަރުބަދަތަކުން ފައިބައިގެން އައި ބާރު ފެނުގެ އޮއްވަރުގެ ސަބަބުން ގެދޮރު ވެސް ފެނުގެ އަޑިއަށް ގޮސްފައިވާ ސަރަޙައްދުތަކަށެވެ.

އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ވެސް ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. ކަތުއާ ޑިސްޓްރިކްޓްގެ ދެ ރަށެއްގައި ކުއްލި ފެންބޮޑުވުން އައިސް، ރޭގަނޑު މަދުވެގެން 7 މީހުން މަރުވެ، 5 މީހުން ޒަޚަމްވެފައިވާ ކަމަށް އެރަށުގެ އިސްވެރިން ބުނެފައިވެއެވެ.