ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރީ 12 އޮގަސްޓު 2025 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާގައެވެ.

Ad
rt

މި ބިލުގައި ބަޔާންކޮށްފައިވާގޮތުން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ވުޒާރަތަކަށް ހިނގާ އުސޫލުތައް ބަންޑާރަނައިބުގެ އޮފީހުގެ މައްޗަށްވެސް ހިނގާނެއެވެ. އަދި ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތަކުގެ އޮނިގަނޑެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަންޖެހޭނެއެވެ.

މީގެ އިތުރުން މި އިސްލާހުގައި ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ޤާނޫނީ ވަކީލުންނާއި ލީގަލް ސަޕޯޓް ސަރވިސް މުވައްޒަފުންގެ ވަޒީފާގެ އުސޫލުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

މި ބިލުގެ މަޤްޞަދަކީ ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖަޢާކުރުމާއި، އެ އޮފީހުގެ ޤާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ޤާނޫނުގައި ބަޔާންކުރުމާއި، އެ އޮފީހުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާބެހޭ ބައެއް އުސޫލުތައް އިސްލާޙުކުރުމެވެ.

ރައީސް މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.