ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ހޯމަ ދުވަހު އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 12 ވަނަ މަންޒިލުގެ ގޮތުގައި ރޭ ދަރަވަންދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވި ގޮތުގައި، ސިޔާސީ ވިސްނުމަށް ޖާގަދެވި، އޭގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވުމުން އާޚިރުގައި ގެއްލުންވަނީ ރައްޔިތުންނަށެވެ. ނަމަވެސް އެމަނިކުފާނާ މަތިކުރެވިފައިވާ ޒިންމާ އަދާކުރެއްވުމުގެ ގޮތުން، އެފަދަ ކަމަކަށް ފުރުޞަތު ނުދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަށް ގެންނަން އުޅޭ އިސްލާހުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން ހަރަކާތްތެރިވަމުން އަންނަކަމަށް ވިދާޅުވެފައެވެ.

ކައުންސިލްތައް ހިންގަންޖެހޭނީ ރައްޔިތުންނަށް ފައިދާވާ އަދި ރައްޔިތުން ބާރުވެރިކުރެވޭނެ ގޮތަށް ކަމަށް ފާހަގަކުރަށްވަމުން، ސަރުކާރުން ހުށަހަޅުއްވައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ އިޞްލާޙުތަކުގައިވެސް ހިމެނިފައިވަނީ މި އަސާސްތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގިނަ ކައުންސިލްތަކަކީ ޒިންމާދާރު ކައުންސިލްތަކެއް ކަމަށާއި، ކަންކަން އެގޮތުގައި ހިނގަމުންދާނަމަ، ވަޢުދުފުޅުތައް ފުއްދެވުމުގެ ކަންކަން ބާރު ދުވެލީގައި ހާސިލުވަމުންދާނެއެވެ. އަދި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ކޮންމެ ވަގުތުކޮޅަކީ ވެސް މުހިންމު ވަގުތުކޮޅެއްކަން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މަސައްކަތްޕުޅުކުރައްވަމުން ގެންދަވަނީ ޒިންމާދާރުކަމާއެކު، ދެފުށްފެންނަ، ޕްރޮފެޝަނަލް، ގުޑްގަވަނަންސްގެ ނިޒާމެއްގެ ގޮތުގައި ލާމަރުކަޒީ ނިޒާމް ހަރުދަނާކުރެއްވުމަށް ކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން އިސްކުރައްވާނީ އަބަދުވެސް ރައްޔިތުންކަމުގައެވެ.