ޙަޤީޤީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމަކީ ނުގަވާއިދުން ފައިސާ ބޭނުންކުރުމަށް އޮންނަ މަގުތައް ބަންދުކޮށް ރައްޔިތުން ބާރުވެރިކުރުވުން ކަމަށާއި، މަސައްކަތްޕުޅު ކުރަށްވަމުން ގެންދަވަނީ ޙަޤީޤީ މާނައިގައި ރައްޔިތުން ބާރުވެރިކޮށް ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރަންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކެންދޫ އަށް މިއަދު ހަވީރު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ވަރަށް ސީރިއަސް އަދި ރައްޔިތުންނަށް މުހިންމު ނިޒާމެއް ކަމަށެވެ. އަދި މި ނިޒާމުގެ ދަށުން ކަންކަން ކުރަންވާނީ އިޚްލާޞްތެރިކަމާއި ޒިންމާދާރުކަމާއެކު ކަމަށް ވިދާޅުވިއެވެ.

Ad
rt

'' ކޮންމެ ޕާޓީއަކުން އިންތިޚާބުވެފައި ހުއްޓަސް، ރައްޔިތުންނަށް ހަމަހަމަކަމާ އެކީގައި، އެ އޮންނަ ސަރުކާރަކާ އެކީގައި، ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަންޖެހޭނެ. ލިބޭ ފައިސާއެއް ޒިންމާދާރުކަމާ އެކީގައި ބޭނުންކުރަންޖެހޭނެ. ޤާނޫނުގައި އަކުރުން ހާއިން ގޮސް ޗަވިޔަންޏާ ހަމައަށޭވެސް ދެންނެވިދާނެ. ވަރަށް ގިނަ އަކުރުތައް އެހުރީ، ކައުންސިލްގެ ޒިންމާތައް ބަޔާންކޮށްފައި. ބާރުތަކާއި ޒިންމާތައް. އެކަންކަން ކުރަން ފައިސާ ޚަރަދުކުރަންޖެހޭނީ. އެ ކަންކަން ނުކުރާ އެތައް ކައުންސިލެއް އެބަހުރި. ބޭކާރުގޮތުގައި އެކިއެކި ކަންކަން ކުރަމުންދަނީ.'' ރައީސް ވިދާޅުވެފަވެއެވެ.

އެހެންކަމުން ޙަޤީޤަތުގައި ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމަކީ މިކަންކަން ހަމަމަގަށް އަޅުވައި މިކަންކަމަށް ނުގަވާއިދުން ފައިސާ ބޭނުންކުރުމަށް އޮންނަ މަގުތައް ބަންދުކޮށް، ސީދާ ރައްޔިތުން ބާރުވެރިކުރުވުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބައެއް ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނިތައް ހަދައިގެން، ރަށްރަށުގައި އާންމު ރައްޔިތުން ކުރަމުންދާ ކުދި ވިޔަފާރިތަކަށް ވަދެ، އެ ވިޔަފާރިތަކަށް ގެއްލުން ދިނުމުގެ ކަންބޮޑުވުން އެބައޮތެވެ.

''ބައެއް ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނިތައް ހަދައިގެން، ބައެއް ރަށްރަށުގައި ކުދިކުދި ވިޔަފާރިތައް، އާންމު ރައްޔިތުން ކުރަމުންދާ ވިޔަފާރިތަކަށް، އެ ކުންފުނިތަކުން ވަންނަ ވަނުން ހުއްޓުވަންވެސް އަޅުގަނޑުމެން މި އުޅެނީ. ރައްޔިތުން ބާރުވެރިކުރުވަން. ކިހިނެއް މިވަނީ؟ ކައުންސިލުން ލޯކަލް އޮތޯރިޓީ ކުންފުނި ހަދައިގެން، އެއްކަލަ އާންމު ރައްޔިތުން ކުރާ ވިޔަފާރީގެ ތެރެއަށްވަނީމަ، ކިހިނެއް އެ ރައްޔިތުންނަށް ވާނީ؟ އެ ރައްޔިތުންގެ ވިޔަފާރި ގެއްލޭނީ.'' ރައީސް ވިދާޅުވެފަވެއެވެ.

މި ކަމަށް ހައްލެއް ގެނައުމުގެ ގޮތުން، އިހަށްދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ އާންމު ރައްޔިތުންގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކައުންސިލް ކުންފުނިތަކުން ނުވަދެވޭ ގޮތަށް އިސްލާހެއް ފާސްކޮށްފައެވެ.

''ބައެއް ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނިތައް ހަދައިގެން، ބައެއް ރަށްރަށުގައި ކުދިކުދި ވިޔަފާރިތައް، އާންމު ރައްޔިތުން ކުރަމުންދާ ވިޔަފާރިތަކަށް، އެ ކުންފުނިތަކުން ވަންނަ ވަނުން ހުއްޓުވަންވެސް އަޅުގަނޑުމެން މި އުޅެނީ. ރައްޔިތުން ބާރުވެރިކުރުވަން. ކިހިނެއް މިވަނީ؟ ކައުންސިލުން ލޯކަލް އޮތޯރިޓީ ކުންފުނި ހަދައިގެން، އެއްކަލަ އާންމު ރައްޔިތުން ކުރާ ވިޔަފާރީގެ ތެރެއަށްވަނީމަ، ކިހިނެއް އެ ރައްޔިތުންނަށް ވާނީ؟ އެ ރައްޔިތުންގެ ވިޔަފާރި ގެއްލޭނީ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ ފަޅީގައި ކަމަށާއި، ރައްޔިތުންނާ ގާތުން، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތްކުރަމުން މި ސަރުކާރުން ދާނެ ކަމަށެވެ. އަދި މިހާތަނަށްވެސް އައީ އެގޮތަށް ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެގޮތަށް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.