ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި، މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން، އިސް ދަނޑުވެރިންނަށް ޚާއްސަކޮށްގެން ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ތަމްރީނު ޕްރޮގްރާމަކީ މެޕްގެ ދަށުން ނަމޫނާ ގްރީންހައުސްތައް ޤާއިމުކުރާ ރަށްރަށުގައި ލީޑް ފާމަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތައް ހޮވައި ތަމްރީނު ކުރުމަށް ފެށިފައިވާ ޕްރޮގްރާމެކެވެ.

Ad
rt

ޖުމްލަ 28 ބައިވެރިންނާއިއެކު މި ފެށުނު ތަމްރީނުގައި 18 ދަނޑުވެރިންނާއި މިނިސްޓްރީގެ ފީލްޑް މުވައްޒަފުން ހިމެނެއެވެ. އަދި ދެބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބުރު މި މަހުގެ 10 އިން 17 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ބުރު ކުރިއަށް ގެންދިއުމަސް ހަމަޖެހިފައިވަނީ މި މަހުގެ 25 އިން 30 އަށެވެ.

ލީޑް ފާމަރުން ތަމްރީނު ކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ އައި.އެފް.އެފް މެންބަރުން އަޅާ ގްރީންހައުސްތަކުގައި ގަސް ހައްދާއިރުގަ އާއި ބިމުގައި ގަސްހައްދާއިރުގައި، ދަނޑުވެރިކަމުގައި ބޭނުންކުރާ ރަނގަޅު އުޞޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދާކަން ޔަޤީންކުރުމަށެވެ.

އެގޮތުން ތައްޔާރުކޮށްފައިވާ ކްރޮޕް ކަލަންޑަރުގައި ހިމެނޭ ގޮތަށް ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރާކަން ޔަޤީންކުރުމާއި، ހަދާފައިވާ ޗެކްލިސްޓުގައި ހިމެނޭ ކަންކަން ގަވައިދުން ބަލަހައްޓަމުން ގެންދާކަން ކަށަވަރުކުރުމަކީވެސް މި ތަމްރީނުގެ މުހިންމު ބޭނުމެކެވެ.

މީގެ އިތުރުން އެގޮތަށް ކަންކަން ކުރިއަށް ނުދާނަމަ ރަނގަޅުކުރަންވީ ކަންކަން ފާހަގަކޮށްދީ، މިނިސްޓްރީގެ އެކްސްޓެންޝަން ސްޓާފުންގެ ލަފަޔާއި އެކު އެކަން ރަނގަޅު ކުރުމަށް ހިތްވަރުދީ، އައި.އެފް.އެފް މެމްބަރުންނާއި އެކު ދަނޑުބެލެހެއްޓުމުގައި ނުވަތަ ގްރީންހައުސްގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ވެސް މި ތަމްރީނުތަކުން މަގުފަހިވާނެއެވެ.