ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދޫކުރާ ފައިސާ ބޭނުންކޮށްގެން ބައެއް ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާނެ ތަންތަނަށް ދަތުރުކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި، ބައެއް ކައުންސިލްތަކުން ޒިންމާދާރުކަން ކުޑަކޮށް ބްލޮކް ގްރާންޓާއި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރަމުންދާ މަންޒަރު ފެންނަމުންދެއެވެ.

Ad
rt

''ބައެއް ކައުންސިލްތަކުން، ޒިންމާދާރުކަން ކުޑަކޮށް، ބްލޮކް ގްރާންޓްގެ ގޮތުގައިދޭ ފައިސާއާއި، އަދި އާމްދަނީގެ ގޮތުގައި، ހަމަ އެއޮންނަ އުސޫލުތެރެއިން ހޯދާ ފައިސާވެސް ބޭނުންކުރާގޮތް އެބަ ފެނޭ. މުޅި ކައުންސިލް އޮތްގޮތަށް، ރަށު ކައުންސިލް އެކަންޏެއްނޫނޭ، އަތޮޅު ކައުންސިލްތައްވެސް. މުޅި ކައުންސިލް އޮތްގޮތަށް ތަޖުރިބާގެ ދަތުރު ކިޔާފައި، އެއްވެސް ރަށެއްގެ ރައްޔިތަކަށް، ނޫނީ އަތޮޅަކަށް ފައިދާނުވާނެ، ފައިދާއެއް ނުހޯދޭނެ ތަންތަނަށް، ޤައުމުތަކަށް ބައެއް ކައުންސިލްތަކުން އެބަދޭ، ބްލޮކް ގްރާންޓްގެ ގޮތުގައި މިދޭ ފައިސާ ބޭނުންކޮށްގެން. ނޫނީ އާމްދަނީގެ ގޮތުގައި، ތިޔަ ހޯއްދަވާ ފައިސާ ބޭނުންކޮށްގެން. އެއީ ޒިންމާދާރު ގޮތެއްނޫން.'' ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދެނީ ރަށުގެ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި ރަށަށް ބޭނުންވާ ކަންކަމަށް އިންވެސްޓްކޮށް އާމްދަނީ ހޯދުމަށެވެ. ނަމަވެސް މިހާރުވެސް ބައެއް ކައުންސިލްތަކުން މުޅި ޓީމު އޮތްގޮތަށް އެކި ޤައުމުތަކަށް ދަތުރުކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

"ލާމަރުކަޒީ ނިޒާމަކީ އެއަށްވުރެ މާ ސީރިއަސް ނިޒާމެއް. ރައްޔިތުންނަށް ވަރަށް މުހިންމު ނިޒާމެއް. އެ ނިޒާމުގެ ތެރެއިން، ކަންކަން ކުރަންވާނީ އިޚްލާޞްތެރިކޮށް، ޒިންމާދާރުކޮށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮންމެ ޕާޓީއަކުން އިންތިޚާބުވެފައި ތިބި ކައުންސިލަރުންނަށް ވިޔަސް، ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދީ، ސަރުކާރާއެކު ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. އަދި ލިބޭ ފައިސާ ޒިންމާދާރުކަމާއެކު ބޭނުންކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.