ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

މިއަދު ހުޅުމާލެ ފޭސް 2 ގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ޑާޓާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސައިބަރ ސެކިއުރިޓީ ހެޑް، ޑރ. މުޙައްމަދު އަލް ކުވައިތީއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

Ad
rt

މި ރަސްމިއްޔާތުގައި ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލުގެ އިސް ބޭފުޅުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރެވޭ މި ޑާޓާ ސެންޓަރަކީ ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމާއެކު ގާއިމުކުރެވޭ، އެންމެ ޒަމާނީ ވަސީލަތްތަކާއި ޚިދުމަތްތައް ލިބެންހުންނާނެ މަރުކަޒެކެވެ. މި ސެންޓަރު ގާއިމުކުރެވުމުން ފުލުހުންގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވެ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުށްތައް ހުއްޓުވުމާއި ތަޙުގީގުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މި ޑާޓާ ސެންޓަރު ގާއިމުކުރެވުމުން ފުލުހުންގެ މަސައްކަތްތައް ޒަމާނީ ކުރެވި، ކުށް ހުއްޓުވުމާއި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ފުލުހުންގެ އިސްވެރިން ފާހަގަކުރައްވައެވެ. އަދި މިއީ ދިވެހި ފުލުހުންގެ ޚިދުމަތް ޒަމާނީކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށްވެސް ބެލެވެއެވެ.