ބ. ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައި، އެރަށުގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބެހެއްޓި އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައި، އެރަށުގެ އޭޓިއެމް ޚިދުމަތް އިފްތިތާޙްކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

Ad
rt

މިގޮތުން ކުޑަރިކިލުގައި އަލަށް ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.

އޭޓީއެމުން ޚިދުމަތް ފެއްޓެވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލަށް ވަނީ ހަވާލުކުރައްވާފައެވެ. ކުޑަރިކިލު ކައުންސިލުގެ ފަރާތުން މިކާޑާއި ހަވާލުވެލެއްވީ ކައުންސިލުގެ ރައީސް، ޢަބްދުލްޙަންނާން ޢައްބާސްއެވެ.

ކުޑަރިކިލުގައި ވެސް ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާ ކުރުމުގެ ޚިދުމަތް ލިބޭ، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ވެސް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ. މިއީ ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށް ގެންދާ އޭޓީއެމް މަޝްރޫޢުގެ ދަށުން މިޚިދުމަތް ޤާއިމްކުރާ 39 ވަނަ ރަށެވެ.

މީގެ އިތުރުން ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ މިއަދު ވަނީ އަޅާފައެވެ. ކުޑަރިކިލު ސިއްޙީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. ކުޑަރިކިލު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންއަށެވެ. މި މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ 1 އަހަރުގެ ތެރޭގައި ނިންމުމަށް، 7،641،116.64 ރުފިޔާ އަށެވެ.