ބ. ކުޑަރިކިލުގެ ހުރިހާ މަޝްރޫޢެއް ވެސް ކުރިއަށްގެންދަވާނީ ވަރަށް ގާތުން ވިލަރެސްކުރެވިގެން ބާރު ދުވެލީގައި ކަމުގެ ޔަޤީންކަން ކުޑަރިކިލުގެ ރައްޔިތުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަން ދެއްވީ ރައީސް މިއަދު ބ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ފެއްޓެވި ދަތުރުފުޅުގައި މިއަދުގެ ދެވަނަ މަންޒިލެއްގޮތުގައި އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ރިޔާސީ އިންތިޚާބުގައި އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އިންތިޚާބުގައި އެރަށުގެ ރައްޔިތުން ދެއްވި އިތުބާރަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ރަށުގެ އެންމެ ބޮޑު ކަންބޮޑުވުމެއް ކަމުގައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު އަލުން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުއެވެ. މި މަޝްރޫޢު ސެޕްޓެމްބަރުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ. އަދި މަގުހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރެވި، އެ މަސައްކަތް ކުރިއަށްދާނީ ފެނާއި ނަރުދަމާގެ މަސައްކަތާ އެކުގައި ކަމަށް ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، ސްކޫލްގެ މަސައްކަތް ނިމުމުން މަލްޓި ޕަރޕަސް ހޯލެއް އެޅުމުގެ މަސައްކަތް ފެށޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ސިއްޙީ ދާއިރާއިން ސިއްޙީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އެޅުމާއެކު، ސިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައިކަން ވަނީ ފާހަގަކުރަށްވާފައެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، އެ ރަށުގައި އިތުރު މިސްކިތެއް އެޅުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި ކުޅިވަރުގެ ދާއިރާއިން ފުޓުބޯޅަ ދަނޑުގެ މަޝްރޫޢު ފުރިހަމަކުރުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރަކާއި ހޭންޑްބޯލް ކޯޓެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
"ކަމަދޫގެ ރައްޔިތުންނަށް އަޅުގަނޑުމެން ވީ ހުރިހާ ވަޢުދެއް ފުއްދުމަށް މަސައްކަތްކުރާނަން. މި ހުރިހާ މަޝްރޫޢުތަކެއްވެސް ކުރިއަށްދާނީ ވަރަށް ގާތުން ބަލަހައްޓައި، ވިލަރެސްކޮށްގެން ބާރު ދުވެލީގައި،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!