ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބ. ކަމަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށުގެ ތަރައްޤީއަށް މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއީ ކަމަދޫ ސްކޫލުގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމާއި، ރަށަށް ސީޕްލޭންގެ ޚިދުމަތް ފެށުމުގެ އެއްބަސްވުމެވެ.

Ad
rt

ކަމަދޫ ސްކޫލުގެ އައު އިމާރާތް އަޅަން ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ޙަމްދާން ޝަކީލްއެވެ.

އެރަށުގައި ސީޕްލޭންގެ ޚިދުމަތް ފެށުމަށް ސީޕްލޭން އޮޕަރޭޝަންގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް އިޔާސް އާއި ހޯކްސް ހޮޓެލްސްގެ ޑިރެކްޓަރ ޙުސައިން އަމަންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ، ކަމަދޫ ސްކޫލުގެ އައު އިމާރާތަކީ ވަސީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުން، ކަމަދޫއަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވާ ފެންވަރުގެ ތަނަކަށް ހަދައިދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ސީޕްލޭންގެ ޚިދުމަތް ފެށިގެން ދިއުމަކީ ރަށުގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

މިހާރުވެސް ގިނަ ގެސްޓްހައުސްތަކެއް ކަމަދޫގައި އޮޕަރޭޓްކުރަމުންދާއިރު ކަމަދޫއަކީ ދަރަވަންދޫއަށްފަހު އެންމެ ގިނަ އެނދު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ނެރެދީފައިވާ ރަށެވެ.