ޕެނަލްޓީގައި ލިވަޕޫލް ބަލިކޮށް ކްރިސްޓަލް ޕެލަސް އިން ފުރަތަމަ ފަހަރަށް ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްފިއެވެ.
އިނގިރޭސި ކޮމިއުނިޓީ ޝީލްޑް މެޗަކީ، އިނގިރޭސި ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ފާއިތުވި އަހަރުގެ ލީގު ޗެމްޕިއަނާއި އެފްއޭކަޕް ޗެމްޕިއަނުން ބައްދަލުކުރާ މެޗެކެވެ. މިދިޔަ ސީޒަންގައި ޕްރިމިއާ ލީގު ކާމިޔާބު ކުރީ ލިވަޕޫލުންނެވެ. ޕެލަސް އެފްއޭ ކަޕް ކާމިޔާބުކުރީ ފައިނަލުގައި މެންޗެސްޓާ ސިޓީ ބަލިކޮށްގެނެވެ.
ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 2-2 އިން ނަތީޖާ ހަމަހަމަވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޕެލަސް މޮޅުވީ 3-2 އިންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު 4 ވަނަ މިނެޓުގައި ޖަހައިދިނީ ހޫގޯ އެކިޓީކޭއެވެ. ޕެލަސް އިން ނަތީޖާ ހަމަހަމަކުރި ލަނޑު 17 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ޖަހައިދިނީ މަޓޭޓާއެވެ. މިއީ، ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް އޭރިއާތެރެއިން، ޕެލަސްގެ އިސްމާއިލާ ސާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.
އޭގެ ހަތަރު މިނެޓް ފަހުން ލިވަޕޫލަށް ދެވަނަ ފަހަރު މެޗުގެ ލީޑު ނެގީ ފްރިމްޕޮންގ ކާމިޔާބު ކޮށްދިން ލަނޑުނެވެ. ޕެލަސް އިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރި ލަނޑު 77 ވަނަ މިނެޓުގައި ޖަހައިދިނީ ސާ އެވެ.
މެޗުގެ ނަތީޖާ ނެރުމަށް ޖަހި ޕެނަލްޓީގައި ލިވަޕޫލުން ފޮނުވާލި ފުރަތަމަ ދެ ޕެނަލްޓީ ވީ ނާކާމިޔާބެވެ. މުހައްމަދު ސަލާހު ޖެހި ބޯޅަ ހުރަސް ދަނޑިމަތިން ދިޔައިރު، އަލެކްސިސް މެކް އަލިސްޓާ ޖެހި ޕެނަލްޓީ ކީޕަރު ހެންޑަސަން މަތަކުރިއެވެ. ޕެލަސް އިން މަޓޭޓާ ފުރަތަމަ ޕެނަލްޓީ ކާމިޔާބުކުރިއިރު، ދެ ވަނަ ޕެނަލްޓީ އެބްރެޗީ އެޒޭ ފޮނުވާލިއިރު، ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ މަތަކުރިއެވެ. ލިވަޕޫލްގެ ތިން ވަނަ ޕެނަލްޓީ ކޯޑީ ގަކްޕޯ ކާމިޔާބުކުރިއިރު، ޕެލަސްގެ ސާ ވަނީ ތިން ވަނަ ޕެނަލްޓީ ވައްދާލައިފައެވެ.
ލިވަޕޫލްގެ ހަތަރު ވަނަ ޕެނަލްޓީ ހާވީ އެލިއަޓް ފޮނުވާލިއިރު، ކީޕަރު ހެންޑަސަން މަތަކުރިއެވެ. އަދި، ލިވަޕޫލްގެ ފަސް ވަނަ ޕެނަލްޓީ ޑޮމިނިކް ސޮބޯސްލާއި ވައްދާލިއިރު، ޕެލަސްގެ ޒުވާން ކުޅުންތެރިޔާ، ޖަސްޓިން ޑެވަނީ ކާމިޔާބުކޮށް އެ ޓީމު މޮޅުކޮށްދިނީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!