ޣައްޒާއަކީ ފަލަސްތީނުގެ ދައުލަތުގެ މުހިންމު ބައެއް ކަމަށާއި އެތަން ދެމި އޮންނަންވާނީ ވެސް އެގޮތުގައިކަމަށް އެކުވެރި ދައުލަތްތައް (އދ.)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެއްޖެއެވެ.
ގުޓެރެސް މިފަދައިން ވިދާޅުވެފައި ވަނީ އިސްރާއީލުން ޣައްޒާ ފޭރިގަންނަން ނިންމުމުން އެކަމާއިމެދު ކަންބޮޑުވުންފާޅުކޮށް ނެރުއްވި ބަޔާން އާންމުކުރަށްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
''އިސްރާއީލް ސަރުކާރުން "ޣައްޒާ ސިޓީގެ ބާރު އަތުލުމަށް" ނިންމި ނިންމުމާމެދު އަހަރެން ވަރަށް ބޮޑަށް ކަންބޮޑުވޭ. މިއީ ނުރައްކާތެރި ކުރިއެރުމެއް އަދި މިލިއަނުން ގުނާ ފަލަސްތީނުގެ ރައްޔިތުންނަށް މިހާރުވެސް ކުރިމަތިވެފައިވާ ނުރައްކާތެރި ނަތީޖާތައް އިތުރަށް ގޯސްވެދާނެ ކަމެއް. މީގެ ސަބަބުން އިތުރު ފުރާނަތަކަށް ނުރައްކާވެ، ރަހީނުންގެ ގޮތުގައި ބަންދުކޮށްފައި ތިބި މީހުންނަށްވެސް ނުރައްކާވެދާނެ. ދާއިމީ ހަނގުރާމަ ހުއްޓުވުމަކަށް، ޣައްޒާއަށް ހުރަހެއްނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަދި ހުރިހާ ރަހީނުން ވަގުތުން ޝަރުތެއްނެތި މިނިވަންކުރުމަށް އަޅުގަނޑު އަލުން ގޮވާލަން.'' އޭނާގެ ޕޯސްޓްގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ގުޓެރެސް އާންމުކުރެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އިސްރާއީލުގެ ސަރުކާރުން "ޣައްޒާ ސިޓީގެ ކޮންޓްރޯލް ނެގުމަށް" ނިންމާފައިވާ ނިންމުމަކީ ނުރައްކާތެރި އިތުރު ފިޔަވަޅެއް ކަމަށެވެ.
ޣައްޒާގެ ފަލަސްތީނުގެ ރައްޔިތުން ދަނީ ނުހަނު ބޮޑު އިންސާނީ ކާރިސާއެއް ތަހައްމަލުކުރަމުންކަމަށާއި، އިސްްރާއީލްގެ މި ނިންމުމުގެ ސަބަބުން އިތުރު ބަޔަކު ގަދަކަމުން ނުކުމެގެންދިއުމާއި، މަރުތަކާއި، ބޮޑެތި ހަލާކުތައް ކުރިމަތިވެ، ޣައްޒާގެ ފަލަސްތީނު ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުވިސްނުމަށް ވެސް ނުގެނެވޭފަދަ ދަތިތައް އިތުރުވެގެންދާނެކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އިންޒާރުދެއްވާފަވެއެވެ.
މި ބަޔާނުގައި އޭނާ ވަނީ ދާއިމީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށާއި، ޣައްޒާއަށް ހުރަހެއްނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، ބަންދުގައި ތިބި އެންމެން ވަގުތުން ޝަރުތެއްނެތި ދޫކޮށްލުމަށް ގޮވައިލައްވާފައެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ގުޓެރެސްގެ މި ބަޔާނުގައި އިސްރާއީލްގެ ސަރުކާރުން ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށްވެސް ވަނީ ގޮވާލައްވައިފައެވެ.
މިބަޔާނުގައި އޭނާ ވަނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން 19 ޖުލައި 2024 ގައި ނެރުނު އަމުރުގައި އިސްރާއީލްގެ މައްޗަށް އަމުރުކޮށްފައިވާކަންކަމަށް ބޯލެބުމަށް ވެސް ގޮވާލާފައެވެ. މިގޮތުން އެ އަމުރުގައިވާ ފަދައިން އިސްރާއީލްގެ ދައުލަތުން ފަލަސްތީނުގެ ބިންތަށް ފޭރި އެތަންތަނުގައި އައު އާބާދީތައް ޤާއިމުކުރުން ވަގުތުން ހުއްޓާލުމަށާއި، އިސްރާއީލުން އަތްގަދަކޮށްފައިވާ ފަލަސްތީނު ޓެރިޓަރީން އިސްރާއީލުން ވަޒަންވެރި ކުރުވި އެންމެން ނެރެންޖެހޭނެ ކަމަށާއި، އަދި އިސްރާއީލުން އަތްގަދަކޮށްފައިވާ ފަލަސްތީނު ޓެރިޓަރީގައި އޭގެ ތެރޭގައި ޣައްޒާއާއި ވެސްޓް ބޭންކް، އަދި އީސްޓް ޖެރޫސަލަމް ހިމެނޭގޮތަށް އިސްރާއީލުން ހިންގަމުން އަންނަ ޣައިރު ޤާނޫނީކަންކަން ވީހާވެސް އަވަހަކަށް ނިމުމަކަށް ގެންނަންޖެހޭނެ ކަމަށް އެބަޔާނުގައި ވިދާޅުވެފަވެއެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ގުޓެރެސް ވިދާޅުވެފައިވާގޮތުގައި މި ހަނގުރާމައަށް ދެމެހެއްޓެނިވި ހައްލެއް ލިބޭނީ އިސްރާއީލުން ޣައިރު ޤާނޫނީގޮތެއްގައި އަތްގަދަކޮށްފައިވާ ފަލަސްތީނުގެ ބިންތަކުން ފައިބައި، އިސްރާއީލުގެ ޣައިރުގާނޫނީ ޢަމަލުތަކަށް ނިމުމަކަށް ގެނެސް، ދެމެހެއްޓެނިވި ދެ-ދައުލަތުގެ ހައްލެއް ހޯދައިގެންކަމަށެވެ.
''ޣައްޒާއަކީ ފަލަސްތީނު ދައުލަތުގެ މުހިންމު ބައެކެވެ. އަދި އެގޮތުގައި ދެމިއޮންނަންވާނެއެވެ.'' އދ.ގެ ސެކްރެޓަރީ ޖެނެރަލް ގުޓެރެސްގެ ބަޔާނުގައި ވެސް ތަކުރާރުކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!