ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް މަގުފަހިކޮށްދޭ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް އެމެރިކާއިން ދޭ އިނާމް 50 މިލިއަން ޑޮލަރަށް އިތުރުކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ބުރާސްފަތި ދުވަހު އެމެރިކާގެ އެޓަރނީ ޖެނެރަލް ޕެމް ބޮންޑީ އެވެ. އެކްސްގައި ޕޯސްޓްކުރި ވީޑިއޯއެއްގައި ބޮންޑީ ވަނީ މަދޫރޯ ޓްރެން ޑެ އަރަގުއާ އަދި ސިނަލޯއާ ކާޓެލް ފަދަ ގްރޫޕްތަކާއެކު މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވާފައެވެ.

Ad
rt

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނާ ގޮތުގައި ކުރިން އެމެރިކާއިން މަދޫރޯއާ ގުޅޭ މަޢުލޫމާތަށް ހުށަހަޅާފައިވަނީ 25 މިލިއަން ޑޮލަރުގެ އިނާމެކެވެ.

"މަދޫރޯ [ޓްރެން ޑެ އަރަގުއާ]، ސިނަލޯއާ އަދި ކާޓެލް އޮފް ދަ ސަންސް ފަދަ ބޭރުގެ ޓެރަރިސްޓް ޖަމާޢަތްތައް ބޭނުންކޮށްގެން އަޅުގަނޑުމެންގެ ޤައުމަށް މަރުގެ މަސްތުވާތަކެއްޗާއި އަނިޔާވެރިކަން ގެންނަނީ،" އެކްސްގައި ޕޯސްޓްކުރި ވީޑިއޯއެއްގައި އެޓަރނީ ޖެނެރަލް ޕެމް ބޮންޑީ ވިދާޅުވިއެވެ.

ބޮންޑީ ވިދާޅުވި ގޮތުގައި ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަނުން މިހާތަނަށް މަދޫރޯ އަދި އޭނާގެ އެކުވެރިންނާ ގުޅުންހުރި 30 ޓަނުގެ ކޮކެއިން އަތުލައިގަނެފައިވެއެވެ.

"މަދޫރޯއާ ސީދާ ގުޅުންހުރި ހަތް ޓަނާ ގާތްކުރާ މިންވަރެއް، އެއީ ވެނެޒުއެލާ އަދި މެކްސިކޯގައި މަރުގެ ކާޓެލްތަކުގެ މައިގަނޑު އާމްދަނީގެ މަސްދަރެއް." އޭނާ ވިދާޅުވެފައެވެ.

އެމެރިކާގެ އެޓަރނީ ޖެނެރަލް ފާހަގަކުރެއްވި ގޮތުގައި މަދޫރޯގެ މަސްތުވާތަކެތި ވިއްކުމުގެ ސްކީމާ ގުޅުންހުރި ކޮކެއިންގައި ގިނަފަހަރަށް ފެންޓަނިލް އެކުލެވެއެވެ. އަދި މީގެ ސަބަބުން އެތައް އެމެރިކާ ރައްޔިތުންގެ ފުރާނަ ގެއްލިފައިވާކަމަށް އޭނާ ވިދާޅުވެފަވެއެވެ.

މާރިޗު 2020 ގައި، 62 އަހަރުގެ މަދޫރޯއަށް ނިއުޔޯކްގެ ސަދަން ޑިސްޓްރިކްޓްގައި މަސްތުވާތަކެތި ވިޔަފާރިކުރުމުގެ މަސައްކަތްތަކާ ގުޅިގެން ގިނަ އަދަދެއްގެ ފެޑެރަލް ދަޢުވާތައް އުފުލާފައިވެއެވެ. މީގެ ތެރޭގައި ނާކޯ-ޓެރަރިޒަމް، ކޮކެއިން އިމްޕޯޓްކުރުމުގެ ރޭވުން، މެޝިން ގަން އަދި ހަލާކުކުރަނިވި އާލާތްތައް ގެންގުޅުން، އަދި މެޝިން ގަން އަދި ހަލާކުކުރަނިވި އާލާތްތައް ގެންގުޅުމުގެ ރޭވުން ހިމެނެއެވެ.

ދަޢުވާ އުފުލުމަށްފަހު، ޓްރަމްޕްގެ ފުރަތަމަ ދައުރުގެ އެޑްމިނިސްޓްރޭޝަނުން ފުރަތަމަ ހުށަހެޅީ އޭނާ ހައްޔަރުކުރުމަށް 15 މިލިއަން ޑޮލަރުގެ އިނާމެކެވެ. ކުރީގެ ރައީސް ޖޯ ބައިޑެންގެ ދަށުން ސްޓޭޓް ޑިޕާޓްމަންޓުން ޖަނަވަރީ 10 ގައި މި އިނާމުގެ އަދަދު 25 މިލިއަން ޑޮލަރަށް އިތުރުކުރިއެވެ. އަދި ބުރާސްފަތި ދުވަހު ޓްރަމްޕް އެޑްމިނިސްޓްރޭޝަނުން މި އަދަދު ދެގުނަ ކޮށް 50 މިލިއަން ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ.

"ޑީއޯޖޭއިން މަދޫރޯއާ ގުޅުންހުރި 700 މިލިއަން ޑޮލަރުގެ އެސެޓްތައް އަތުލައިގަނެފައިވޭ، މީގެ ތެރޭގައި ދެ ޕްރައިވެޓް ޖެޓް، ނުވަ އުޅަނދު އަދި އިތުރު ތަކެތި ހިމެނޭ. ނަމަވެސް މަދޫރޯގެ ބިރުވެރި ވެރިކަން ދަނީ ކުރިއަށް،" ބޮންޑީ ވިދާޅުވިއެވެ.

"އޭނާއަކީ ދުނިޔޭގެ އެންމެ ބޮޑެތި ނާކޯ ޓްރެފިކަރުންގެ ތެރެއިން އެކަކު، އަދި އަޅުގަނޑުމެންގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް،" އޭނާ އިތުރުކުރެއްވިއެވެ.

"ރައީސް ޓްރަމްޕްގެ ލީޑަރޝިޕްގެ ދަށުން، މަދޫރޯއަކަށް ޢަދުލު އިންސާފުން ސަލާމަތެއް ނުވެވޭނެ، އަދި އޭނާގެ ނުބައި ކުށްތަކަށް ޖަވާބުދާރީ ކުރުވޭނެ" ބޮންޑީ ވަޢުދުވެވަޑައިގަތެވެ.