ބ. އަތޮޅުގެ ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މި މަސައްކަތްތަކުގެ އެއްބަސްވުމުގައި ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، އިސްމާޢިލް ޢަބްދުﷲ އެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާރިފެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑު އަގެއްގައި ކުރިއަށްގެންދާ މަސައްކަތަކީ ބ. ހިތާދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ކުރުމުގެ މަސައްކަތެވެ. މި މަސައްކަތަށް 33.7 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، މި މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ބ. މާޅޮހާއި ބ. ދޮންފަނު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކޮންމެ ރަށަކަށް 12.1 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. މި ދެ ރަށުގެ މަސައްކަތްތައް 545 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މާޅޮހާއި ދޮންފަނު ސިއްހީ މަރުކަޒުތަކުގެ އަޕްގްރޭޑްގެ މަސައްކަތުގެ ތެރޭގައި ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން ޕޯޓިކޯ އާއި ވަށާފާރުވެސް އިތުރުކުރެވިގެންދާނެއެވެ.

ހިތާދޫ އަދި މާޅޮސް ސިއްހީ މަރުކަޒުތަކުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ރަސްމިއްޔާތުގައި އެ ދާއިރާގެ މެންބަރު މުހައްމަދު ސިރުހާން ބައިވެރިވެ ވަޑައިގެންނެވިއެވެ.