ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާމެދު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި އިސްލާހްގެ ބިލާއި ގުޅިގެން ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ މި ބިލަކީ އިދާރީ ގޮތުންނާއި މާލީގޮތުން ބާރުވެރިކުރުމަށް ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ މުހިންމު ބާރު ކަނޑުވާލާ، ކައުންސިލްތަކަށް ލިބިދީފައިވާ މާލީ މިނިވަންކަމާއި ވަސީލަތްތަކުގެ މިލްކުވެރިކަމާއި، ރަށްރަށުގެ ޚިދުމަތްތަކާއި ޢުމްރާނީ ތަރައްޤީއަށް ފަހިވެގެންދިޔަ ދޮރުތައް ބަންދުކުރުމުގެ ބޭނުމުގައި ގެންނަން ހުށަހަޅާފައިވާ ބަދަލެއްކަމަށެވެ.

Ad
rt

އެގޮތުން މި ބަދަލުތަކުގެ ސަބަބުން ރައްޔިތުން 5 އަހަރު ދުވަހުގެ ދައުރަކަށް އިންތިހާބުކޮށްފައިވާ ކައުންސިލްތަކުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ނުކުޅެދި ކައުންސިލަރުންނާއި ރައްޔިތުންގެ ހައްޤުތަކެއް ގެއްލިގެންދާނެކަމަށް ސިޓީ ކައުންސިލުން ބުނެފަވެއެވެ.

މި ނޫސް ބަޔާނުގައި ސިޓީ ކައުންސިލުން ވަނީ ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ޤާނޫނު ބަދަލުކުރުމަށް ހުށަހަޅާފައިވާ ބިލު އަންބުރާ ގެންދިޔުމަށް ގޮވާލާފައެވެ. އަދި ބިލު އަނބުރާ ނުގެންދިޔަކަމުގައި ވީނަމަވެސް، ރައްޔިތުންގެ ހައްޤުގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން މި ބިލަށް ވޯޓު ނުދެއްވުމަށް ސިޓީ ކައުންސިލުން ގޮވާލާފައިވެއެވެ.

މީގެ އިތުރުން މި އިސްލާހާއި ގުޅިގެން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެފައިވަނީ ރައްޔިތުން ކައުންސިލަރުން އިންތިހާބު ކުރަނީ 5 އަހަރުގެ ދައުރަކަށް ކަމަށްވާއިރު، ދައުރު ހަމަވުމުގެ 1 އަހަރުކުރިން ޤާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ހައްޤުތަކެއް އުނިވާ ގޮތަށް ޤާނޫނު އަލުން ބަދަލުކުރަން މަސައްކަތްކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

އެގޮތުން މިގޮތަށް އެކަން ކޮށްފިނަމަ، ކައުންސިލްތަކުން ރަށުގެ ތަރައްޤީއަށް މިހާރު ބާރަށް ކުރަމުންދާ މަސައްކަތް މަޑުޖެހި، އާމްދަނީ އިތުރުކުރުމަށާއި ރައްޔިތުންގެ ކުރިއެރުމަށް އިތުރަށް މަސައްކަތް ކުރުމަށް ކައުންސިލުން ނުކުޅެދޭނެކަމަށް މޭޔަރ ފާހަގަކުރައްވާފައިވެއެވެ.

ރައްޔިތުންގެ ބާރުވެރިކަން މައި ސަރުކާރަށް ނެގުމަށް ކުރަމުންދާ މަސައްކަތާމެދު ފުންކޮށް ވިސްނުމަށް ގޮވާލަމުން މޭޔަރ ވިދާޅުވެފައިވަނީ، ސިޔާސީ ފިކުރު އެއްކިބާކޮށްފައި، މި އިސްލާހާއި ދެކޮޅަށް ހުރިހާ ރައްޔިތުންވެސް ވަކާލާތުކޮށް ބަސްބުނެ އަޑުއުފުލަން ޖެހޭނެކަމަށެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައި ވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިންއެވެ. މި ބިލުގެ މަގްސަދެެއްކަމުގައި ބުނެފައި ވަނީ މި އިސްލާހްތަކުގެ ބޭނުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީގެ ކުންފުނިތައް ވިޔަފާރި ހަރަކާތްތައް ހިންގުމުގެ ދާއިރާ ޤާނޫނުން ކަނޑައެޅުމާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލަށް ފައިސާ ދިނުމުުގައި ޢަމަލުކުރާ ބައެއް އުސޫލްތައް މުރާޖަޢާ ކުރުމާއި، ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމެވެ.

މި ބިލުގައި ބުނެފައިވާގޮތުން ކައުންސިލްތަކުގެ އުމުރު ހަމަވުމުގެ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ދާއިމީ އަދި ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި، ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމުގެ ކަންކަން ކުރެވޭނީ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށެވެ.

މިއިސްލާހްގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް އިގްތިސާދީ ހަރަކާތްތައް ހިންގޭނީ އަމިއްލަ ފަރާތްތަކުން އެފަދަ މަސައްކަތެއް ނުކުރާނަމައެވެ. އަދި އެ މަސައްކަތަކީ ރަށުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތަކަށް ނުވެ، އިންވެސްޓްމަންޓްގެ އަގު 10 މިލިއަން ރުފިޔާއަށްވުރެ ކުޑަ މަސައްކަތަކަށް ވާންޖެހޭނެއެވެ.

މި އިސްލާހާއެކު ސަރުކާރުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުން ކުލި ނެގުން މަނާކުރެވޭނެއެވެ. އަދި ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް ހިންގަންޖެހޭނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށެވެ. މީގެއިތުރުން، ފިނޭންސް މިނިސްޓްރީން އެދިއްޖެނަމަ ކައުންސިލްތަކުގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓްތައް އެ މިނިސްޓްރީއަށް ހިއްސާކުރަންޖެހޭނެއެވެ.