އަލް އަޤްސާ މިސްކިތަށް ޔަހޫދީން ވަދެގަނެ އިއްޔެ ހިންގި އަމަލުތައް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.
މި ކަމާ ގުޅޭ ގޮތުން ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިފަދަ ކަންކަން ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
"ބައިނަލްއަޤުވާމީ ރިޒޮލިއުޝަންތަކާއި ކޮންވެންޝަންތަކާ ހިލާފަށް ޒަޔަނިސްޓުން ހިންގާ މިފަދަ އަމަލުތައް ހުއްޓުވަން ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ގޮވާލަން،" މިނިސްޓަރު ވިދާޅުވި އެވެ.
އިއްޔެ އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ އެހީގައި، ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް ޔަހޫދީންގެ ހައްދުފަހަނައަޅާފައި ޖައްބާރު މިނިސްޓަރު އިތަމާރް ބެން ގަވީރް ހިމެނޭ ގޮތަށް ޔަހޫދީންތަކެއް ވަދެގަނެ، އިސްލާމްދީނާ ހިލާފު ކަންކަން ހިންގައި، ޔަހޫދީންގެ ދީނީ އަޅުކަން ކޮށްފައިވެއެވެ. މަސްޖިދުލްއަޤްޞާގެ ގޯތިތެރެއަށް ވަނުމުގެ ހުއްދަ ޔަހޫދީންނަށް ލިބިފައިވިޔަސް، އެތަނުގައި އަޅުކަން ކުރުން ވަނީ މަނާކޮށްފައެވެ.
މަސްޖިދުލްއަޤްޞާ ބަލަހައްޓާ ވަޤްފު ޖަމުޢިއްޔާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ގާތްގަނޑަކަށް ހާހެއްހާ ޔަހޫދީންގެ ބައިގަނޑަކާއެކު، ގަވީރް ވެސް އެ މިސްކިތަށް ވަދެ، އަޑުގަދަކޮށް، ނަށައި، އަޅުކަންކޮށްފައިވެއެވެ. މި ހާދިސާގެ މަންޒަރުތައް ފެންނަ ދެ ވީޑިއޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
ފަލަސްޠީނުގެ މައްސަލައިގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤަބޫލުކުރާ ގޮތް ބައިނަލްއަޤުވާމީ މައިދާންތަކުގައި ވަރަށް ހަރު އަޑުން އަންގައިދެމުންދާއިރު، ދިވެހި ސަރުކާރުން އަންނަނީ ފަލަސްޠީނުގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!