ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ޢައްޔަނުކުރުމުގެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން 21 ޖުލައި 2025 ގައި ޝަރަފްވެރިކަމާއެކު މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލީ ހަމަ އެދުވަހުއެވެ.
ޖޭއެސްސީން ދިން އަށް ދުވަހުގެ މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ ތިން ބޭފުޅެކެވެ. އެއީ އަބްދުލްޣަނީ މުހައްމަދާއި، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދެވެ.
ހޮނިހިރު ދުވަހު ޖޭއެސްސީން ކުރި އިންޓަވިއުތަކަށް ފަހު، އުއްތަމަ ފަނޑިޔާރުކަމަށް އަބްދުލްޣަނީ މުހައްމަދު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަނީ ލަފާ އަރުވާފައެވެ. އަދި ރައީސް އިއްޔެ ވަނީ ޣަނީގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.
ރައީސް ޣަނީގެ ނަން ފޮނުއްވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ދެވަނަ ނަންބަރުގައި ''ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުން އުއްތަމަފަނޑިޔާރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ފައިވާ ނަންފުޅު ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން'' ހިމަނައި، އެ މައްސަލަ ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ އަށް މިއަދު ފޮނުވާފައެވެ.
އުމުރުން 57 އަހަރުގެ ޣަނީއަކީ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީއިން އެލްއެލްބީ (ހޮނަރސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރޫޑެންސް އާއި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއިން މާސްޓަރސް އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ ސަނަދު ހާސިލް ކުރަށްވާފައިވާ ބޭފުޅެކެވެ. ޣަނީ މިހާރު ގެންދަވަނީ އިސްލާމިކް ޔުނިވާސިޓީއިން ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑިޝަލް ސައިންސް އެންޑް ލެޖިސްޓިވް ޕޮލިސީ (ޕީއެޗްޑީ) ފުރިހަމަކުރަށްވަމުންނެވެ.
ޣަނީގެ ތަޖުރިބާއަށް ބަލާއިރު، މިވަގުތު ޣަނީ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ. ޣަނީ ވަނީ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި، ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި، ހައިކޯޓުގެ ފަނޑިޔާރުކަމާއި، ހައި ކޯޓުގެ ދެކުނު ގޮފީގެ ޗީފް ޖަޖުކަމާއި، ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުކަމާއި، ތިން ފަހަރެއްގެ މަތީން ޖޭއެސްސީގެ މެމްބަރުކަމާއި އަދި ސިވިލް ކޯޓުގެ ޣާޒީކަން ވެސް ކުރަށްވާފަވެއެވެ.
ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޝަރީޢާ އެންޑް ލޯ ފެކަލްޓީގެ ސީނިއާ ލެކްޗަރަ އެއްގެ އިތުރުން 2021 ވަނަ އަހަރުން ފެށިގެން ވިލާކޮލެޖުގެ ޕާޓް ޓައިމް ލެކްޗަރަރއެއްގެ ގޮތުގައި އާއި 2023 ވަނަ އަހަރުން ފެށިގެން ޒިކުރާ އިންޓަނޭޝަނަލް ކޮލެޖްގެ ޕާޓް ޓައިމް ލެކްޗަރަރއެއްގެ ގޮތުގައި ޚިދުމަތްކުރަށްވަމުން ގެންދަވާ ޣަނީ އަކީ 2008 ވަނަ އަހަރުން ފެށިގެން ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮންނަ ޣަނީ އަކީ ރާއްޖޭގައި ހުކުރުކުރުމުގެ ހުއްދަ ވެސް އޮންނަ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!