ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރަކަށް ޢަބްދުﷲ ޖަމީލު މޫސާ ރޭ ޢައްޔަންކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭއްވި ރަސްމިއްޔާތެއްގައި ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކޮށް، ހުވާގެ އިޤުރާރުގައި ސޮއިކުރެއްވިއެވެ. ޢަބްދުﷲ ޖަމީލަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ހަމީދެވެ.

Ad
rt

ޢަބްދުﷲ ޖަމީލު މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ.

ޖަމީލް އެންމެ ފަހުން ހުންނެވީ ސިވިލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައެވެ. ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމަށް ފަހު، ޢަބްދުﷲ ޖަމީލް ވަނީ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ހުސްވެފައިވަނީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ކުރިން ހުންނެވި ޢަބްދުﷲ ޙަމީދާއި މުޙައްމަދު ސަލީމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމާ ގުޅިގެންނެވެ. ޖަމީލް މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ޖޭއެސްސީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޖަމީލްއާ އެކު، ހައި ކޯޓަށް އިތުރު ފަނޑިޔާރަކު އައްޔަންކުރުމަށް ޖޭއެސްސީން ނިންމާފައިވީ ނަމަވެސް، ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު ވަނީ އޭނާގެ ނަން އަނބުރާ ގެންދަވާފައެވެ. ޝަހީދަކީ އެ މަޤާމަށް ކުރިމަތިލެއްވި 17 ބޭފުޅުންގެ ތެރެއިން އިންޓަވިއުއާއި މާކްސްއިން ރަނގަޅު ނަތީޖާއެއް ހާސިލުކުރެއްވި ބޭފުޅެއް ނަމަވެސް، މަޤާމާ ހަވާލުވުމަށް އުޒުރުވެރިވެވަޑައިގެން ވަނީ ޖޭއެސްސީގައި ދަންނަވާފައެވެ.